ފުލުހުންގެ އިސް މަގާމުތަކުގެ ތެރެއިން ސުޕްރިިންޓެންޓެންޓުން ފެށިގެން ޑެޕިއުޓީ ކޮމިޝަނަރާ ހަމައަށް ހުރި މަގާމުތަކަށް، އަލުން މީހުން އައްްޔަންކުރަން ޖެހޭގޮތަށް، ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި މިހާރު އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އިސްލާހު ގެންނަން އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.
އެގޮތަށް ބިލް އިސްލާހު ކުރުމަށް މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުގައި ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އެވެ. އީވާގެ ހުށަހެޅުން އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ.
އެ ހުށަހެޅުމާ ބެހޭގޮތުން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މިއަދު ވިދާޅުވީ އެ މަގާމުތަކަށް އަލުން ބޭފުޅުން އައްޔަން ކުރަން ބިލަށް އިސްލާހު ގެނައުމަށް ނިންމާފައި ވަނީ އެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުން ވަގުތުން ވަކިވާގޮތަށް ނޫން ކަމަށެވެ. އެގޮތުން އެ ބޭފުޅުންނަށް އިންތިގާލީ މަރުހަލާއެއްގެ ގޮތުގައި ހަތަރުމަސްދުވަސް ލިބިވަޑައިގަންނަވާނެ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
"މި ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފެށީމަ ލިބިވަޑައިގަންނަވާނެ ހަތަރު މަސް ދުވަސް އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް، އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާނީ، އާ ބިލުން އުފައްދާ ބޯޑުން އާބިލުގައިވާ އުސޫލުތަކާ އެއްގޮތަށް،" މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު މިހާރު ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމައި މިހާރު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާތީ، ދެން ބިލަށް އެ އިސްލާހު ގެންނާނީ މަޖިލީހުގެ ތަޅުމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދު ހަވީރު 4:00 ގައި އޮތް ޖަލްސާއަށް އެ ބިލު ވަނީ އެޖެންޑާ ކޮށްފައެވެ.