އިނގިރޭސި ޕްރިމިއާ ލީގު ހޯދުމަށް ފެވަރިޓުންނަކީ ޗެލްސީ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ލިވަޕޫލުން ތަށި ދިފާއުކުރުމަށް ނުކުތީ ވަރުގަދަކޮށް ނަމަވެސް، އެޓީމަށް ވަނީ އަނިޔާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން ޓީމުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރާ ނެދަލޭންޑްސްގެ ވާޖިލް ވެންޑައިކާއި އިންގްލެންޑް ޑިފެންޑަރު ޖޯ ގޮމޭޒްއަށްވެސް ދިގު މުއްދަތުގެ އަނިޔާއަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ވެންޑައިކްގެ ސާޖަރީއަށްފަހު އޭނާ އަންނަނީ ރިކަވަރީގެ މަސައްކަތް ކުރަމުންނެވެ.

އަނިޔާގެ މައްސަލަތަކާއެކު ވެސް ލިވަޕޫލުން ތަށި ދިފާއުކުރުމަށް ދައްކަމުން އަންނަ ކުޅުން ފާހަގަކޮށްލެވެއެވެ. އެޓީމުން 10 މެޗަށްފަހު 21 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ޓޮޓެންހަމްއަށްވެސް ލިބެނީ 10 މެޗުން 21 ޕޮއިންޓެވެ. އެއްވަނައަށް ޗެލްސީ ޖެހިލާފައި ވަނީ 11 މެޗު ކުޅެގެން 22 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލުން މި ހަފްތާގައި ވުލްވްސްއާ ދެކޮޅަށް ނުކުންނަ އިރު، ޓޮޓެންހަމް މެޗުގެ ނަތީޖާ ދާ ގޮތަކަށް އެޓީމު ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ކްލޮޕް ބުނެފައިވަނީ ޗެލްސީގައި މިހާރު އޮތް ސްކޮޑަކީ ވަރުގަދަ، ތަފާތު، ހުނަރުވެރި ސްކޮޑެއް ކަމަށާއި ޗެލްސީގެ ސަބަބުން އެހެން ޓީމުތަކަށް ޕްރެޝަރު ވާނެ ކަމަށެވެ.

"ޕްރެޝަރު އެބައޮތް ވުލްވްސްއާ ދެކޮޅަށް ކުޅޭއިރު، އެއީ ލީގު ވާދަވެރިވުމުން، ޗެލްސީގައި ވަރުގަދަ ކުޅުންތެރިންނާއެކު ބޭނުން ގޮތަކަށް ބަދަލުކޮށްލެވޭނެ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބުމަކީ އެ ޕްރެޝަރު އަބަދުވެސް އޮންނާނެ ކަމެއް. ތަށީގެ ވާހަކަދައްކަން އަދި އަވަސް. އެހެންވިޔަސް ޗެލްސީއަކީ ފޭވަރިޓުން. ލިވަޕޫލްވެސް މަސައްކަތް ކުރާނީ އެންމެ ރަނގަޅު ނަތީޖާއެއް ނެރުމަށް. އެހެންވީމަ މާ ބޮޑަށް އިދިކޮޅު ޓީމަށް ނުވެސް ވިސްނަން،" ކްލޮޕް ބުނެފައިވެއެވެ.

ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުން އަންނަ އިރު، ކްލޮޕަށް ހިތްހަމަޖެހުންތަކެއް ވެސް އެބަހުއްޓެވެ. އަނިޔާގައި ހުރި ޑިފެންޑަރު އެލެކްސެންޑްރާ އާނޯލްޑް ވުލްވްސްއާ ދެކޮޅަށް ކުޅޭނެ ކަމަށް ބެލެވޭ އިރު، ލިވަޕޫލަށް އަލަށް ގެނައި ތިއާގޯ އަލްކަންޓްރާވެސް އަންނަނީ ރިކަވާވުމާ ގާތް ވަމުންނެވެ.