ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބު، ބާސެލޯނާއިން ރޭ ލީގުގައި ކުޅުނު މެޗުގައި އަލަށް ޕްރޮމޯޓްވި، ކާޑިޒް އަތުން ބަލިވެއްޖެއެވެ.

ރޭ ބާސާއިން ކާޑިޒް ދަނޑުގައި ކުޅުނު މެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަންގައި ސްޕެނިޝް ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމުގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް އައި ކާޑީޒަ އަތުން ބާސާ ބަލިވީ 1991 ވަނަ އަހަރަށްފަހުއެވެ. އެޓީމަށް ރޭ ހޯދުނު މޮޅަކީ 2006 ވަނަ އަހަރަށްފަހު ސްޕެއިންގެ ފުރަތަމަ ޑިވިޝަންގައި ކުޅުނު ހޯމް މެޗަކުން ހޯދުނު ފުރަތަމަ މޮޅެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި އަލްވާރޯ ހިމަނޭޒްގެ ގޯލާއެކު ކާޑިޒްއިން ލީޑު ނެގި ނަމަވެސް ދެވަނަ ހާފްގައި ޕެޑްރޯ އަލްކާލާ އަތުން ބައިކޮޅަށް ވަން ގޯލާއެކު ބާސާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ކާޑިޒްއިން މެޗުގެ ތިން ޕޮއިންޓަށް ކުރި މަސައްކަތް ކާމިޔާބުވީ އަލްވާރޯ ނަގެރޭޑޯ 63 ވަނަ މިނެޓުގައި ޖަހައިދިން ގޯލާއެކުއެވެ.

އުމުރުން 35 އަހަރުގެ ނަގެރޭޑޯ އެ ގޯލް ޖެހީ ދަނޑަށް ނުކުމެ އެންމެ 44 ސިކުންތުގެ ތެރޭގައެވެ.

އެންމެފަހުން 1991 ވަނަ އަހަރު ކާޑިޒްއިން ބާސާ ބަލިކުރި މެޗުގައި މިހާރުގެ ކޯޗު ރޮނާލްޑް ކޯމަން ކުޅެފައި ވެއެވެ. އެންމެފަހުން އެކިއެކި މުބާރާތްތަކުގައި ބާސާއިން ކުޅުނު ހަތް މެޗުން ހަ މެޗުން މޮޅުވެފައިވެއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތްވަނައިގައި އޮތް ބާސާއާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ބާސާއިން އެންމެފަހުން ކުޅުނު ޗެމްޕިއަނަސް ލީގުގެ މެޗަށް ކެޕްޓަން ލިއޮނަލް މެސީއަށް ރެސްޓް ދިން ނަމަވެސް، ރޭގެ މެޗުގައި އޭނާ ކުޅެފައިވެއެވެ. ބާސާއިން އުފެއްދި 21 ހަމަލާގެ ތެރެއިން މެސީ ވަނީ 10 ހަމަލާއެއް އުފައްދައިފައެވެ. ކާޑިޒްއިން 18 ޕަސެންޓް ޕޮސެޝަންގައި މެޗު ނިންމާލި ނަމަވެސް، އެޓީމަށް ރޭ ލިބުނީ މުހިއްމު ތިން ޕޮއިންޓެވެ.

ކާޑިޒް އޮތީ 12 މެޗުން 18 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ.