އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ވެސްޓްހަމް ޔުނައިޓް ބަލިކޮށް، ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

ވެސްޓްހަމްގެ ދަނޑުގައި 2000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ހާފްގައި ފެނުނީ ބޮޑު ތަފާތެކެވެ. ޔުނައިޓެޑަށް ފުރަތަމަ ހާފް ވަރަށް އުނދަގޫކޮށް ފެނިފައިވާއިރު، ދެވަނަ ހާފަށް ނުކުމެ ނަތީޖާ އަނބުރައިލީ ފަހަތުން އަރައި، 13 މިނެޓް ތެރޭގައި ތިން ގޯލް ޖަހައިގެންނެވެ.

މިދިޔަ ހަފްތާ ތެރޭގައި ޔުނައިޓެޑުން ޕީއެސްޖީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން ބަލިވެފައި އޮތްއިރު، ރޭގެ މެޗަށް ކޯޗު އޮލެގުނަ ސޮލްސްޖާ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ފުރަތަމަ 11 ގައި މާކަސް ރަޝްފޯޑާއި، ބުރޯނޯ ފެނާންޑޭސްވެސް ހިމަނާފައި ނުވާއިރު، ދެވަނަ ހާފަށް ދެ ދެކުޅުންތެރިންވެސް ކުޅެން ނެރެފައިވެއެވެ. ތަފާތު ފެނުނީވެސް އެ ދެކުޅުންތެރިންގެ ފަރާތުންނެވެ.

ފުރަތަމަ ހާފް އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށް، ހަމަލާތައް އުފެއްދީ ވެސްޓްބްރޮމްއިންނެވެ. ޕަބްލޯ ފޮނާލްއާއި ސަބަސްޓިއަން ހެލާއަށް ލިބުނު ފަހި ފުރުސަތުތައް ބޭކާރު ވެގެންދިޔަ ނަމަވެސް، ވެސްޓްހަމްއިން ވަނީ ކޯނަރެއްގެ އެހީގައި ލީޑު ނަގައިފައެވެ. ތޯމަސް ސޫޝެކްގެ ގޯލާއެކު ވެސްޓްހަމްއިން ލީޑު ނެގިއިރު، ނަތީޖާ ފުޅާކުރުމަށްވެސް ފުރުސަތު ހޯދިއެވެ. އަނިޔާގައި ހުރި ޑޭވިޑް ޑެހެއާގެ ބަދަލުގައި ގޯލް ބަލަހައްޓަމުން ދިޔަ ޑީން ހެންޑަސަންގެ ދެ ސޭވްއެއްވެސް ފުރަތަމަ ހާފްގައި ފެނިފައިވާކަން ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފަށް ފެނާންޑޭސްއާއި ރަޝްފޯޑް ކުޅެން ނުކުތީ ވެންޑަބީކާއި އެޑީސަން ކަވާނީގެ ބަދަލުގައެވެ. އެ ދެކުޅުންތެރިންނާއެކު ޔުނައިޓެޑުން އެޓޭކް ވަރުގަދަކޮށް، ހަމަލާތައް އުފައްދަން ފެށިއެވެ. 65 ވަނަ މިނެޓުގައި ޕައުލް ޕޮގްބާގެ ގޯލާއެކު ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރިއިރު، ފުރުސަތު ފަހިކޮށްދިނީ ފެނާންޑެޒްއެވެ. އޭގެ ތިން މިނެޓްފަހުން މޭސަން ގްރީންވުޑް ޖެހި ހިތްގައިމު ގޯލާއެކު ޔުނައިޓެޑުން ލީޑުވެސް ނަގާ، 78 ވަނަ މިނެޓުގައި ރަޝްފޯޑް ޖެހި ގޯލާއެކު ތިން ޕޮއިންޓް ޔަގީން ކުރިއެވެ.

ޔުނައިޓެޑުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލަށް ވަނީ ސުވާލުތަކެއް އުފެދިފައެވެ. ގޯލްކީޕަރު ޑީން ހެންޑަސަން އަރިމަތީ ރޮނގު ކައިރިން ކުރިއަށް ފޮނުވާލި ބޯޅަ، ވައިގެ ތެރޭގައި ބޭރަށް ދިޔަ ކަމަށް ބެލެވިފައި އޮތްއިރު، ޔުނައިޓެޑުން ގޯލް ޖެހީ އެ ބޯޅަ ހޯދައި، ފެނާންޑޭޒް ތަނަވަސްކުރި ފުރުސަތުންނެވެ. ވީއޭއާރުން ރެފްރީ އެ ބޯޅަ ބޭރަށް ދިޔަތޯ ޗެކް ކުރި ނަމަވެސް، ރަނގަޅު އޭންގަލްއަކުން ފެންނަން ނެތުމުން ރެފްރީ ގޯލެއް ކަމަށް ނިންމިއެވެ.

ޔުނައިޓެޑުން 10 މެޗުން 19 ޕޮއިންޓް ހޯދައި، އެޓީމު ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. އެންމެފަހުން ލީގުގައި ކުޅުނު ދެ މެޗުގައިވެސް ފަހަތުން އަރައި މުހިއްމު ޕޮއިންޓްތަކެއް ޔުނައިޓެޑުން ހޯދައިފައިވާއިރު، މި ހަފްތާ ތެރޭގައި ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅެން ޖެހޭ މެޗަކީ މުހިއްމު މެޗެކެވެ. މޮޅު ނުވެވިއްޖެނަމަ ގްރޫޕް ސްޓޭޖުން ބޭރުވުމުގެ ފުރުސަތު ބޮޑެވެ.