ރައީސް ޔާމީންގެ ވެރިކަމުގައ ހިންގި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެކުންފުނީގެ، އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއެއްގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.
އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. އެ މައްސަލައިގައި ޒިޔަތުގެ މައްޗަށް ކުރި ހިޔާނާތުގެ 32 ދައުވާއަށް އޭނާ ކްރިމިނަލް ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.
އެ ދައުވާތަކުގައި ހިމެނެނީ، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ދައުވާތަކެވެ. އެ ދައުވާތަކުގައި ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ. ދައުވާތަކަށް ޒިޔަތު އެއްބަސްވެފައި ވަނީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެހެންކަމުން އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ ދައުވާތަކުގެ ޖުމްލަ އަދަބެއްގެ ގޮތުން ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ހިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު އަދިި ޒިޔަތު ތަހުގީގަށް އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށް ކުރުމުންނާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް
އެމްއެމްޕީއާރުސީގެ ޚިޔާނާތް