2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަސްތުވާތަކެތި އަތުލުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ.އުޖާލާގެ ބަަލައި ފާސްކުރުމުގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި މައްސަލައިގައި ފިޔަވަޅު އެޅުމުން އެކަމާ ހިތްހަމަ ނުޖެހިގެން އިހުތިޖާޖު ކުރި ފުލުހުންގެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އަލުން ބެލުމަށް އެ ކޮމިޝަނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.
އެކަމާ ގުޅިގެން ފުލުހުންތަކެއް އިހުތިޖާޖުކުރި މައްސަލަ ކޮމިޓީން ބެލުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އެ އޮޕަރޭޝަންގައި މީހަކަށް ފުލުހުން އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، އެ މައްސަލައާ ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑް ކުރި ކަމަށެވެ.
އެކަމާ ގުޅިގެން ބައެއް ފުލުހުން ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށް އިހުތިޖާޖެއް ފެށި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ކޮމިޓީން ބުނެފައިވަނީ އެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އަލުން ބަލައި ތަހުގީގުކޮށް، އެ ކޮމިޝަންގެ ތަހުގީގީ ރިޕޯޓް އެ ކޮމިޓީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައި ވަނީ އެ މައްސަލައިގައި ފުލުހުން ހިންގި އިހުތިޖާޖުގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ.
އެހެންވެ އެފަދަ އިހުތިޖާޖުތައް ތަކުރާރުވިޔަ ނުދިނުމަށާއި އެފަދަ އަމަލުތަކަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުން ގެންދިއުމަށާއި، އެފަދަ އިހުތިޖާޖުތަކުން މުއައްސަސާ ސަލާމަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ކަމާ ގުޅޭ މާއްދާތައް ހިމެނުން އަވަސްކުރުމަށް ވެސް ރިޕޯޓުގައި މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ.
އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެެއްވެސް އަމަލެއް ހިންގުމާއި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދަބު ދޭން ޖެހޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ވަނީ ނިންމައިފައެވެ.
ކޮމެޓީ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ އެ މައްސަލައިގައި ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކުރިކަމަށް ފާހަގަ ކުރެވުނު ހުރިހާ ފުލުހުންގެ ޕްރޮފައިލް އެހެން ކުލައަކަށް ބަދަލު ކުރުމުން އެ ފުލުހުންނަށް ނަސޭހަތްދިނުން ފިޔަވައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމެވުމަކީ ކޮމިޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ބާވަތުގެ އިހުތިޖާޖުތަކަކީ ފުލުހުންގެ މުއައްސަސާ ފަދަ މުއައްސަސާއެއްގެ އަހުލާގީ އަދި ސުލޫކީ މިންގަނޑުކަމަށް ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށާއި އެބާވަތުގެ އިހުތިޖާޖުތަކާ ގުޅޭ އެފަދަ ކަމެއް ފުލުހުންގެ އެއްވެސް މީހަކު ހިންގާނަމަ އެ އަމަލަކަށް އެކަށޭނަ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅިފައި އޮތުން މުހިއްމު ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެއްވެސް އަމަލެއް ހިންގުމާއި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރި ވުމަކީ ކުށެއްކަމަށް ކަނޑައަޅައި އެކަމަށް އެކަށޭނަ އަވަސް ފިޔަވަޅު ތަކާއި އަދަބުތަކާއި އެ ފިޔަވަޅުތަކާއި އަދަބުތައް ކަމާގުޅޭ ފަރާތްތަކުން އަވަސްކޮށް އެޅުމަށާއި ތަންފީޒު ކުރާނެ ގޮތުގެ ކަމާގުޅޭ މާއްދާތައް ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުންނާއި އަދި ކަމާބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން އަވަސް ކުރުމަށް،" ވެސް އެ ރިޕޯޓުގައި ވަނީ ގޮވާލައިފައެވެ.
ކޮމިޓީގެ މި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއިން ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މ.އުޖާލާގެ ބަަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބައެއް މީހުން ހައްޔަރުކޮށް އެގެއިން 461 ގްރާމްގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް