ކޮވިޑް-19ގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެގައުމުތަކަށް އެހީވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު އެގޮތަށް ގޮވާލެއްވީ ކުދި ޖަޒީރާ ގައުމުތަކުގެ ޖަމިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އުފެދުނުތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ވާޗުއަލް އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ. ބެލީޒް އިން ރިޔާސަތު ބެލެހެއްޓި މި ބައްދަލުވުމަކީ އެއޯސިސް އިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ފަދަ ހާއްސަ ހާލަތްތައް ދިމާވެފައިވާ ގައުމުތަކަށް ކޮވިޑުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާކަން ފެންނަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މާލީ، ފަންނީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ ތަރައްގީގެ ބައިވެރިންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް އަޔަދީގެން ނުވާނެ ކަމަށެވެ. އަދި ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ކަންތަކަށް ހެދުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި ގޮވާލެއްވުމަށް އަމަލު ކުރުމަށް އެއޯސިސްގެ ގައުމުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އީޖާދީ ގޮތްތަކެއް ހޯދުމަށް ތަރައްގީވެފައިވާ ގައުމުތަކަށް ގޮވާލަންޖެހޭ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އެއޯސިސް އުފެދުނީ ކަނޑުގެ ލޮނުގަނޑު އުފުލާ ގުޅޭ ގޮތުން ބޭއްވި ކުދި ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށްފަހު، 1990 ވަނަ އަހަރު ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި ދެވަނަ ވޯލްޑް ކްލައިމެޓް ކޮންފަރެންސްގައެވެ. އެއޯސިސް އިން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އުފުލުގައި އިސް ދައުރެއް އަދާކުރަމުންނެވެ.

އެއޯސިސް އުފެދުނީއްސުރެ ރާއްޖެއަކީ އެޖަމްއިއްޔާގެ މެމްބަރު ގައުމެކެވެ. އަދި 2015 އިން 2018 އަށް އެއޯސިސްގެ ރިޔާސަތު ބެލެހެއްޓީ ރާއްޖެއިންނެވެ.