ޚަބަރު

ސައީދު ރައީސަށް: ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހުރީ ބޭރުގެ ޖަމިއްޔާތަކާއި އެކުވެރި ގައުމުތަކުން ގަނެދީފައި

އަލީ ޔާމިން

1

ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް 19ގެ ވެކްސިން ބޭރުގެ އެކިއެކި ޖަމިއްޔާތަކާއި އެކުވެރި ގައުމުތަކުން ހުރީ ގަނެދީފައި ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ.

ލާމު އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސަށް ރައްދު ދެއްވައި، ސައީދު ވިދާޅުވީ، ކޮވިޑްގެ ވެކްސިން ހިލޭ ގަނެދޭނެ ކަމަށް ބުނެ ރައީސް ސޯލިހު ހެއްދެވީ އިތުރުފުޅެއް ކަމަށާއި ކޮވިޑްގެ ވެކްސިން ހުރީ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުން ދިވެހި ރައްޔިތުންނަށްޓަކައި ގަނެދީފައި ކަމަށެވެ.

"މިއަދު ލާމު އަތޮޅަށް ގޮސް އެއްވެސް ކަހަލަ ހިތުގައި ލަދެއްގެ ކަންފުޅެއް ހުރިނަމަވެސް ވިދާޅެއް ނުވާނެ ކޮވިޑްގެ ވެކްސިންނަށް ހަދާނެ ގޮތް. ކޮވިޑްގެ ވެކްސިން ހުރީ ޔޫރަޕިއަން ޔުނިއަންއާއި އަޅުގަނޑުމެންގެ އެކުވެރި ގައުމުތަކުން ދިވެހި ރައްޔިތުންނަށްޓަކައި ގަނެދީފައި ހުރީ. ހިލޭ ގަނެދީފައި ހުރީ، އެއީ ރައީސް ސޯލިހު ދެއްވާ އެއްޗެއް ނޫން. ކޮން ބަޔަކަށް އޮޅުވާލަންތޯ މިއުޅެނީ؟" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ކޮވިޑާއި ގުޅިގެންވެސް ސަރުކާރުން ކުރީ ވައްކަން ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައި ދައުލަތަށް ލިބުނު 520 މިލިއަން އެމެރިކާ ޑޮލަރުވެސް ހުސްކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ގައުމުގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައި ނުގަނެވިގެން އުޅެނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށެވެ. އެގޮތުން ބޭންކްތަކުންނާއި ސަރުކާރުން ރައްޔިތުންނަށް ދަތިކުރުމުގެ ނިޔަތުގައި އެތައް ކަމެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާ ގައުމަކަށްވާތީ، ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ހިލޭ ވެކްސިން ލިބިގެންދާނެއެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 111،485 މީހުންނަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ. ބާކީ ތިބި މީހުންނަށް ވެކްސިން ލިބުނު ކަމެއް ނުވަތަ ދިން ކަމެއް އަދި މިހާ ތަނަށް އެނގިފައެއް ނުވެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑްގެ ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު، ރާއްޖެ ގެނައުމަށް މަސައްކަތް ކުރަނީ ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާނެކާ ވެކްސިނާއި އެމެރިކާގެ ބައޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް ކޮވިޑްގެ ވެކްސިން ލިބޭނެއެވެ.