ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައްދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވައި، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަން ބައްލަވައިލައްވައިފިއެވެ.

ލ. އަތޮޅުގެ ދެ ރަށަކަށް ރައީސް ކުރައްވާ މި ޒިޔާރަތުގައި ފުރާވަޑައިގެންނެވީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައެވެ.

މިއަދު މެންދުރުފަހު ކައްދޫގައި ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަނަކީ މިދިޔަ މަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެމްއެންޑިއެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކައިލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ.

ދިވެހި ސިފައިންގެ އަސްކަރީ ގާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ދައްކައިލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނުގައި ސިފައިން ވަނީ ކްލޯސް ކުއާޓާ ބެޓްލް ކޯސް އަދި މާކްސްމަންޝިޕްގެ ހުނަރުތައް ދައްކާލައިފައެވެ.

މި ތަމްރީނުތައް ބައްލަވައިލެއްވުމަށް ރައީސްގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.