ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފުކުރުމާއި، އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި، ފުޓުބޯޅަ ދަނޑު ހުޅުވުމުގެ އިތުރުން ގިނަ މަޝްރޫއުތަކެއް އިފްތިތާހުކުރުމަށް ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު އަންނަނީ ކޮވިޑަށް ފަރުވާކުރުމަށް އުފެއްދި ވެކްސިންތައް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިންވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާ ގައުމެއް ކަމުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާޒާ އިން ދައްކާ ގޮތުގައި ރާއްޖޭގައި 557،426 މީހުން ދިރިއުޅެއެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 111،485 މީހުންނަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ.

ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް 19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފައިސާވެރި 71 ގައުމުވެސް ހިމެނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް ކޮވިޑުގެ ވެކްސިން ލިބޭނެ ކަމަށެވެ. ޑރ. ނަޒްލާގެ އިތުރުން ރައީސް ސޯލިހުވެސް ވަނީ އެފަދައިން ވިދާޅުވެފައެވެ.

ރާއްޖެއަށް ގެންނަން މަސައްކަތް ކުރަނީ ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑަށް ވެކްސިނެއް ލިބުނަސް އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ނުދެވެނީސް، ހާޑް އިމިޔުނިޓީއަކަށް ދޫކޮށް ނުލެވޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ވެކްސިން ލިބުނަސް ދުނިޔެއިން ކޮވިޑް އެއްކޮށް ނައްތާލުމަކީ ނާދިރު ކަމެއް ކަމުގައިވެސް ސިއްހީ މާހިރުން ގަބޫލުކުރެއެވެ.