މުޖުތަމައުގައި ހަވާސާ ވެފައިވާ ނުކުޅެދުންތެރިންނަށް އަދިވެސް އެންމެ އެކަށީގެންވާ ގޮތުގައި ޝާމިލުވެ އުޅުމުގައި ތަފާތު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ދެއްވި ހިތާބުގައެވެ.
މިނިސްޓަރު ވިދާޅުވީ، އެކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ ގޮތުން މި ދުވަސް ފާހަގަކުރަމުން އަންނަ އިރު މިއަދު އެންމެ އުފާވާ އަދި ދޭން ބޭނުންވާ އުފާވެރި ހަބަރަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައި ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގައި މިގޮތަށް ބިނާވެގެންދާނެ ފުރަތަމަ ސެންޓަރުކަމުން މިފަދަ ސެންޓަރެއް ގާއިމުވެގެން ދިއުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައިވާ ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ތަނަކަށް ވެގެންދާނެ ކަމަށެވެ.
މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ފުރިހަމައަށް ޝާމިލުވެވޭނެ މާހައުލެއް ގާއިމުކުރުމަށް ބާރުއަޅައި، މިހާރަށްވުރެ ބޮޑަށް އެފަދަ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތްކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް 19ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެ ފަރާތްތަކުގެ އާއިލާތަކަށްވެސް އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮވިޑުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މިނިސްޓްރީން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަަށާއި މިހާރުވެސް ކުރެވެމުން އަންނަ ކަމަށެވެ.
"މިގޮތުން ކޮވިޑް 19ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަރާތްތަކުގެ އައިލާތަކަށް ދިމާވެފައިވާ ދަތިތަކާއި އެހީތެރިކަން ބޭނުންވާ ކަންތައްތައް ދެނެގަނެ، ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން މިކަންކަމަށް ހައްލު ހޯދައިދިނުމަށް ބޭނުންވާ އެކަށީގެންވާ ނިޒާމުތައް އެކުލަވައިލެވުނު. އަދި މި ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށްވުރެ ހަމަހަމަ ފުރުސަތުތަކަކާއި އަސާސީ ހިދުމަތްތައް އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ވަކިވަކި ފަރުދުންގެ ފެންވަރުގައްޔާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު