މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕް ހަދައި، ވައިބާއިން އެ ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާ މައްސަލަތައް ފަހަކަށް އައިސް ގިނަވަމުން ދާތީ، އެކަމަށް ސަމާލު ވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިފަދައިން މީހުން ކަންކުރަނީ އެޑިޓްކޮށްގެން ހަދާފައިވާ ސައްހަ ނޫން ސްލިޕެއް ބޭނުން ކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ސްލިޕް ކޮޅުގެ ތާރީހާއި ވަގުތު އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށްފައި ހުންނަ ކަމަށް ފުލުހުން ބުނެއެވެ.

މިފަދައިން ކަން ކުރާ މީހުން ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފައިސާ ދައްކަން ބުނުމުން އެޑިޓުކޮށްފައިވާ ސްލިޕްކޮޅު ވައިބާ މެދުވެރިކޮށް ފޮނުވަނީ ކަމަށް ފުލުހުން ބުނެއެވެ.

ގިނަ ފަހަރަށް ފޯނަށް ސްލިޕް ކޮޅު ފޮނުވުމުން އެކައުންޓަށް އެ ފައިސާ ޖަމާވިތޯ ނުވަތަ އެކައުންޓު ނަންބަރު ރަނގަޅުތޯ ގިނަ މީހުން ނުބަލާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކަސްޓަމަރު ފޮނުވާލަނީ ސްލިޕް ކޮޅު ފޮނުވުމުން އޭގައި އޮންނަ އަގަށް އެކަނި ބެލުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.

މާލޭގެ ފިހާރައެއްގެ ސޭޓަކަށް ދިމާވި މިފަދަ ހާދިސާއެއް ހިއްސާކޮށް ފުލުހުން ބުނީ ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ބޭނުން ކޮށްގެން އެ ފިހާރައިން މަކަރާއި ހީލަތުން މުދާ ހޯދާފައިވަނީ ވަރަށް "ސްމާޓް" ކޮށް ހުރި މީހެއް ކަމަށެވެ. އެގޮތުން އެމީހާ ފިހާރައަށް ގޮސް 350 ރުފިޔާގެ ސާމާނު ނަގައި، އެތަކެއްޗަށް ފައިސާ ޓްރާންސްފާ ކުރި ކަމުގެ ސްލިޕްކޮޅު ވައިބާ ކުރި ކަމަށް ފުލުހުން ބުނެއެވެ.

ސްލިޕް ލިބިފައި އޮތުމުން އެމީހާ ފައިސާ ދެއްކި ކަމަށް ސޭޓު ގަބޫލު ކުރި ކަމަށާއި ފައިސާ ނުފޮނުވާކަން އެނގުނީ އެރޭ ފިހާރަ ބަންދު ކުރުމަށްފަހު އެކައުންޓަށް ޖަމާކުރި ފައިސާގެ އަދަދު ދިމާ ނުވުމުން ކަމަށް އެ ސޭޓާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި މިފަދަ ހާލަތްތަކުގައި ވިޔަފާރި ކުރި މީހާއަކީ ކާކުކަން ނޭނގޭތީ ފައިސާ ހޯދޭނެ ގޮތެއްވެސް ނޯންނަ ކަން ފުލުހުން ފާހަގަ ކުރިއެވެ.

ފުލުހުން ބުނީ މިފަދަ މައްސަލަތަކަށް ފިހާރައިގެ ސޭޓުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި ވައްކަން ކުރާ މީހުން ޒަމާނާ އެއްގޮތަށް އެމީހުންގެ ވައްކަމުގެ އުކުޅުތައް ތަރައްގީ ކުރަމުން އަންނަ އިރު މިފަދަ މަކަރުވެރި އުކުޅުތަކަށް ސޭޓުން "ރަނގަޅަށް ސަމާލުވެ، ލޯހުޅުވައިގެން" ތިބެން ޖެހޭ ކަމަށް ފުލުހުން ބުނެއެވެ.

ވިޔަފާރީގައި ފަސޭހަކަމަށް ޒަމާނީ ވަސީލަތްތައް ބޭނުން ކުރާއިރު ފަރުވާ ކުޑަ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި އޮންލައިން ޓްރާންސްފާ ކުރާއިރު އެކައުންޓަށް ފައިސާ ޖަމާވެފައި ވޭތޯ ބެލުމަށް ފުލުހުން އެދެއެވެ. މީގެ އިތުރުން އޮންލައިން ޓްރާންސްފާ ކުރާ ކަސްޓަމަރުންގެ މައުލޫމާތު ނޯޓު ކުރުމަކީ މިފަދަ މައްސަލަތަކުން ސަލާމަތް ވުމަށް ކުރެވޭނެ ކަމެއް ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ވައްކަން ކުރުމަށް ކިތަންމެ ހަނި ފުރުސަތެއްވެސް ނުދިނުމަށް އަޅާ ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.