މާލޭގެ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ތިން މީހެއް ކަމަށެވެ. އެއީ ފުއްޓަރު، އަހްމަދު ނާޒިމް (31އ) އާއި މުޝްތަރީގެ، ހުސައިން ސަބާހް (42އ) އާއި ސްޓާލައިން، އާއިޝަތު ނަޝާޔާ (32އ) އެވެ. އަހްމަދު ނާޒިމް މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި އިރު، ދެން ތިބި ދެ މީހުން ހައްޔަރުކުރީ އިއްޔެއެވެ.
ފުލުހުން ބުނާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ހުށަހެޅުނު މި މައްސަލައިގެ ތަހުގީގުގައި ސީސީޓީވީ ފުޓޭޖު ދިރާސާކޮށް ތުހުމަތުކުރެވޭ ފަރާތްތައް ވަނީ ފާހަގަކޮށްފައެވެ. އެ މީހުން ހައްޔަރުކޮށް ދިރިއުޅޭ ތަންތަން ބަލައިފާސްކުރި އިރު 1,093,122.25 ރުފިޔާ އާއި 8845 ޔޫއެސް ޑޮލަރު ހޯދިފައިވެއެވެ. ތަހުގީގުން އެނގުނު ގޮތުގައި އެ އޮފީހުން ޖުމްލަ 1,252,505 ރުފިޔާ އާއި 11470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވެއެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ހުސައިން ސަބާހް 30 ދުވަހަށް އަދި އާއިޝަތު ނަޝާޔާ ފަސް ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް