ޗެލްސީގެ ފްރާންސްގެ ފޯވަޑް އޮލިވިއާ ޖިރޫގެ ހަތަރު ގޯލާއެކު ސެވިއްޔާ ބަލިކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ރޭ ކުޅުނު މެޗު ޗެލްސީން 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، ގްރޫޕް ސްޓޭޖުގައި ބާކީ މެޗެއް އޮއްވައި، ޗެލްސީއަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީން ވެފައެވެ. މިހާތަނަށް ގްރޫޕް ސްޓޭޖުގައި ޗެލްސީ ބަލިވެފައި ނުވާއިރު، އެޓީމުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، އެއް މެޗުން ވަނީ އެއްވަރު ކޮށްފައެވެ. އެއްވަރު ވެފައި ވަނީ ސްޓެންފޯޑް ބްރިޖުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ޗެލްސީން ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗަށް ނުކުތީ މިދިޔަ ހަފްތާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗަށް ނެރުނު ޓީމަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. ކައި ހަވާޓްސް އާއި ކްރިސްޓިއަން ޕުލިސިޗްވެސް ރޭގެ މެޗު ފަށާފައިވާއިރު، 19 އަހަރުގެ ބިލީ ގިލްމޯ ބެންޗުން އެރިކަން ފާހަގަ ކޮށްލެވެއެވެ. ޓިމޯ ވާނާ އާއި ހަކިމް ޒިޔެޗްވެސް މެޗުގެ ފުރަތަމަ 11 ގައި ފެނިފައި ނުވާއިރު، ފަހަތުން ބެން ޗިލްވެލް އާއި ތިއާގޯ ސިލްވާވެސް ވަނީ ރެސްޓް ކޮށްފައެވެ.

މެޗުގެ ކުރީ ކޮޅުގައި ކައި ހަވާޓްސްގެ ބޯޅައަކުން ޖިރޫ ލީޑު ނެގިއިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި މަޓެއޯ ކޮވަސިޗްގެ ބޯޅައެއް ހިތްގައިމު ކަމާއެކު ނިންމާލައި ޖިރޫ ޗެލްސީއަށް ލީޑު ފުޅާކޮށްދިނެވެ. މެޗުގެ ފަހު 15 ވަރަކަށް މިނެޓް ތެރޭގައި ޗެލްސީން އިތުރު ދެ ގޯލެއް ޖެހިއިރު، ޖިރޫގެ ހަތަރުވަނަ ގޯލަކީ ޕެނެލްޓީއެކެވެ.

ޗެލްސީ އާއި ސެވިއްޔާއަށްވެސް ގަދަ 16 ޔަގީން ވެފައި އޮތްއިރު، އެ ދެޓީމުންވެސް ރޭގެ މެޗަށް ނުކުތީ ފުރަތަމަ 11 އަށް ބަދަލުތަކާ އެކުގައެވެ.

ޗެލްސީއަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ސެވިއްޔާއަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ.