ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހިލޭ ލިބޭ ވެކްސިން ދިނުމުގައި އިސްކަންދޭނީ ސިއްހީ މާހިރުންނާއި ހައި ރިސްކް ގިންތިތަކުގެ މީހުންނަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ކޮވިޑްގެ ވެކްސިން ދިނުމަށް އުފެއްދި ސްޓިއަރިން ކޮމިޓީގައިވެސް ހިމެނޭ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވީ، ކޮވެކްސް ފެސިލިޓީގައި ރާއްޖެ ބައިވެރިވެފައިވުމުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ތިން ޕަސަންޓް ހާއްސަކުރަނީ ކޮވިޑާއި ގުޅިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރީންނަށް ކަމަށް ވިދާޅުވިއެވެ.
"ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ނިންމާފައި މިވަނީ ސިއްހީ ދާއިރާގައި ބަލި މީހުން ބަލާ ނޫނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދޭ ފަރާތްތަކަށް ތިން ޕަސަންޓް ދިނުމަށް. ދެން އޭގެ އިތުރުން ދެން ހިމެނޭ 17 ޕަސަންޓްގެ ބައިގައި ބޮޑަށް ހިމެނޭނީ ދުވަސްވީ މީހުންނާއި ބަލި ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް މީހުންނާއި އޭގެ އިތުރުން ބޮޑަށް ބަލިވާނެ ފަރާތްތަކަށް" ޑރ. ފައިސަލް ވިދާޅުވިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާޒާ އިން ދައްކާ ގޮތުގައި ރާއްޖޭގައި 557،426 މީހުން ދިރިއުޅެއެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 111،485 މީހުންނަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ.
ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް 19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފައިސާވެރި 71 ގައުމުވެސް ހިމެނެއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއަށް ގެންނަ ކޮވިޑްގެ ވެކްސިންތައް ސްޓޯކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ. ކޮވެކްސްގެ ފެސިލިޓީގެ އިތުރުންވެސް ވެކްސިން ދުނިޔޭގެ ބާޒާރަށް ނުކުންނަ ހިސާބުން ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ގެންނާނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި އެކަމުގައި ބަޖެޓުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑްގެ ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު، ރާއްޖެ ގެނައުމަށް މަސައްކަތް ކުރަނީ ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާނެކާ ވެކްސިނާއި އެމެރިކާގެ ބައޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް ކޮވިޑްގެ ވެކްސިން ލިބޭނެއެވެ.
ވެކްސިން
ވެކްސިން
ވެކްސިން