ރާއްޖެއަށް ގެންނަން މަސައްކަތް ކުރަނީ ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ކޮވިޑުގެ ވެކްސިން ލިބެންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ސްޓިއަރިން ކޮމިޓީއެއް އުފައްދައި، އެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން ވެކްސިން ދިނުމުގައި އިސްކަންދޭނެ އުމުރުފުރާތަކާއި ކެޓަގަރީތައް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝާހު ވިދާޅުވީ، ކޮވިޑް 19އާ ދެކޮޅަށް އެތައް ގައުމަކުން ވެކްސިން އުފައްދާފައިވާ ކަމަށެވެ. އެގޮތުން ފޭސް ތިނެއްގެ ޓްރަޔަލްގައި ހުރި ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ދެ ވެކްސިނަކީ އެސްޓްރާޒެނެކާ ވެކްސިނާއި މޮޑާނާ ވެކްސިން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މާހައުލަށް ބަލައި ރާއްޖެއަށް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ވެކްސިނަކީވެސް އެއީ ކަމަށެވެ.

"ވަރަށް ގިނަ ވެކްސިން މިހާރުވެސް ފޭސް ތުރީ ޓްރަޔަލްގައި އެބައުޅޭ. އޭގެ ތެރެއިން އެއްވެސް ވެކްސިނެއް އަދި އެއްްކޮށް ފުރިހަމައެއް ނުވޭ. އޭގެ ތެރެއިން އެންމެ ކުރީގައި އުޅޭ ވެކްސިންތަކުގެ ތެރޭގައި އެސްޓްރާޒެކެނާ އާއި މޮޑާނާ ވެކްސިން ހިމެނޭ. މި ދެ ވެކްސިން އަޅުގަނޑުމެންނަށް އެންމެ ޕްރޮމިސިން، ރާއްޖޭގައި މާހައުލަށް ބަލާފައި. އެ ބަހައްޓަންޖެހޭ ފިނި ކަމަށާއި ހުރިހާ ކަމަކަށް ބަލާފައި އެންމެ އެފެކްޓިވް ވެކްސިނެއްގެ ގޮތުގައި މި ދެ ވެކްސިން ރާއްޖެއަށް ލިބޭތޯ މި މަސައްކަތް ކުރަނީ،" ޑރ. ޝާހު ވިދާޅުވިއެވެ.

ޑރ. ޝާހު ވިދާޅުވީ، ރާއްޖެއިން ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާތީ ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންގެ ގަޔަށް ޖަހާ ވަރަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމަށްޓަކައި ވެކްސިން ގަތުމަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށާއި ބަޖެޓުގެ އެއްވެސް ތާށިކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާޒާ އިން ދައްކާ ގޮތުގައި ރާއްޖޭގައި 557،426 މީހުން ދިރިއުޅެއެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 111،485 މީހުންނަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ.

ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް 19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފައިސާވެރި 71 ގައުމުވެސް ހިމެނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް ކޮވިޑުގެ ވެކްސިން ލިބޭނެ ކަމަށެވެ. ޑރ. ނަޒްލާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެފަދައިން ވިދާޅުވެފައެވެ.

ކޮވިޑަށް ވެކްސިނެއް ލިބުނަސް އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ނުދެވެނީސް، ހާޑް އިމިޔުނިޓީއަކަށް ދޫކޮށް ނުލެވޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ވެކްސިން ލިބުނަސް ދުނިޔެއިން ކޮވިޑް އެއްކޮށް ނައްތާލުމަކީ ނާދިރު ކަމެއް ކަމުގައިވެސް ސިއްހީ މާހިރުން ގަބޫލުކުރެއެވެ.