އެމްޕީއެލްގެ މުވައްޒަފުންތަކެއް، ހިންގިކަމަށްބުނާ އަށް މިލިޔަން ރުފިޔާގެ ތެކުގެ ވައްކަމުގައި، ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފެއް ކަމަށްވާ ބައުޒަރެއްގެ ހެލްޕަރު ސަސްޕެންޑްކޮށް، އެކަމުގެ ތަހުގީގު ކުރިއަށް އެބަ ގެންދާކަމަށް، އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ މިއަދުގެ ބައްދަލުވުމަށް އެފްއެސްއެމް ގެ އިސް ބޭފުޅުން ހާޒިރުކޮށް އެ މައްސަލައާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، ގަސަމް ވިދާޅުވީ އެމްޕީއެލްއަކީ އެ ކުންފުނިން ތެޔޮ ސަޕްލައިކޮށްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށާއި އެ ހިޔާނާތުގެ މައްސަލަ އެމްޕީއެލްއަށް ފާހަގަ ކުރެވިގެން އެކަމުގައި އެފްއެސްއެމްގެ ބައުޒަރު ހެލްޕަރު ބައިވެރިވާ ކަމަށް ތުހުމަތުކޮށް ސިޓީއަކުން އެކަން އެންގީ ހުސްވި ނޮވެމްބަރު މަހުގެ 25 ވަނަދުވަހު އިރު އޮއްސެނިކޮށް ކަމަށެވެ.
އެ ސިޓީއާ ގުޅިގެން އެ މުވައްޒަފު ވަގުތުން ވަގުތަށް ސަސްޕެންޑްކޮށް އޭގެ އަނެއް ދުވަހު މުވައްޒަފު ސަސްޕެންޑް ކުރެވި އޭނާގެ އަތުން ނަގަން ޖެހޭ ބަޔާންތައް ނަގާފައިވާ ކަމަށާއި، އެއާއެކު އިންޓާނަލް އޮޑިޓާއި އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އެކަމުގެ ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށް ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ އެކަމަކީ ގިނަ ދުވަސްތަކަކުން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭ ކަމަަށާއި އެހެންކަމުން ދުވަސްތައް ވަކީން ބަލަމުންދާ ކަމަށެވެ.
ގަސަމް ވިދާޅުވީ، މީގެ ކުރިންވެސް ކުންފުންޏަށް ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ފާހަގަ ކުރެވި އެކި ފަހަރުމަތިން 25 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ މައްސަލަތައް އޭސީސީއަށާއި، ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންބައެއްކަމެއް އެމީހުން ހިޔާނާތްތެރިވީ ކޮން ކަންތައްތަކަކަށްކަމެއް ގަސަމް ވިދާޅެއް ނުވެއެވެ.
ގަސަމް ވިދާޅުވީ، ތެލުން މަކަރު ހަދައި ވައްކަން ކުރުން ހުއްޓުވުމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އުޅަނދު ފަހަރުގައި ޑިޖިޓަލް މީޓަރު ހަރުކުރުމާއި ވެހިކަލް އޮންނަތަން އަންގައިދޭ ޑިވައިސެއް ހަރު ކުރުމުގެ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އޭރުން އޮފީހުގައި ތިއްބަސް އެ އުޅަނދެއް އޮތް ތަނާއި އެ އުޅަނދު ތެޔޮ ދޫކުރާވަރު ލައިވްކޮށް ހެޑް އޮފީހަށް އެނގިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއވެ.
އެ މަސައްކަތް ލަސްވެފައިވަނީ، ކޮވިޑް 19 ގެ ސަބަބުން ކަމަށާއި ނަމަވެސް އަންނަ އަހަރުގެ ތެރޭގައި އެޕްރޮޖެކްޓުގެ ބޮޑުބައެއް ނިންމާލެވޭނެ ކަމަށްވެސް ގަސަމް ވިދާޅުވިއެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް
ފިއުލް ސަޕްލައި މޯލްޑިވްސް