ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެޔޮ ޑެލިވަރީ ކުރުމުގައި ވި 6.7 މިލިޔަން ރުފިޔާގެ ހިޔާނާތުގައި ހިމެނޭ ތެޔޮ ބައުޒަރުގެ ޑްރައިވަރު، ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބް، އަށް އަހަރާއި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއް ދައުވާއަކީ ހިޔާނާތުގެ ދައުވާއެވެ.

އެ ދައުވާކުރީ، 2020 އަހަރުގެ ތެރޭގައި އެފްއެސްއެމްގެ ތެޔޮ ބައުޒަރުގެ ޓްރައިވަރުގެ މަގާމުގައިހުރެ އެތަނުން އެމްޕީއެލްއަށް ތެޔޮ ޑެލިވަރީ ކުރުމުގެ މުއާމަލާތްތައް ކުރުމުގައި 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓްތަކުގައި ބަޔާންކޮށްފައިވާ ޑީސަލް އެމްޕީއެލްއަށް ޑެލިވަރީ ކޮށްފައިވާ ކަމަށް ދެެއްކުމަށްޓަކައި އެމްޕީއެލްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުރި ސ. މަރަދޫ އާޒާދުގެ ހަސަންދީދީއާ ހަވާލުކޮށް އެފްއެސްއެމް އިން އެމްޕީއެލްއަށް ޑެލިވާ ކުރަންޖެހޭ ޖުމްލަ 783،100 ލީޓަރު ޑީސަލަށް ހިޔާންތެރިވެގެންނެވެ.

މި ދައުވާގައި އޭނާގެ މައްޗަށް ހުކުމް ކުރީ އަށް އަހަރަށް ޖަލަށް ލުމަށެވެ. މީގެ އިތުރުން، މި މައްސަަލައިގައި އޭނާ ހިޔާނާތްތެރިވި 783،100 ލީޓަރު ޑީސަލްގެ އަގަށްވާ 6.7 މިލިޔން ރުފިޔާ ބަަދަލުގެ ގޮތުގައި ދައުލަތަށް ދައްކަންވެސް ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ކުރި ދެވަނަ ދައުވާއަކީ، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިއުމެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

އެއީ މި ހިޔާނާތުގެ ތެރެއިން، ޑީސަލް ޑެވަރީ ކޮށްފައިވާ ކަމަށް ދެއްކުމަށްޓަކައި ސައްހަ ނޫން 119 ޑެލިވަރީ ނޯޓް ތައްޔާރުކޮށް ސޮއިކޮށްފައިވާތީއެވެ.

މި ދައުވާގައި އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމުގެ ހުކުމެއް ވަނީ ކޮށްފައެވެ.

ޑްރައިވަރުގެ އިތުރުން، އޭނާއާއެކު މި ހިޔާނާތުގައި ބައިވެރިވި، އޭރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރި ސ. ފޭދޫ ވާރުގެ މުހައްމަދު އައިމަންގެ މައްޗަށް ވެސް ވަނީ ދެ ދައުވާއެއް ކޮށް ހުކުމް ކޮށްފައެވެ.

އޭނާގެ މައްޗަށްކުރި ހިޔާނާތުގެ ދައުވާގައިވެސް ހުކުމް ކުރީ، އަށް އަހަރަށް ޖަލަށް ލުމާއެކު 783،100 ލީޓަރު ޑީސަލްގެ އަގަށްވާ 6.7 މިލިޔން ރުފިޔާ ބަަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށެވެ. އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުރުމުގެ ދައުވާގައި ހުކުމްކުރީ ހަމަ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.