ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ލިވަޕޫލުން އަޔެކްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އެޓީމުން ގަދަ 16 ޔަގީން ކޮށްފިއެވެ.

ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލްގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވަޑް ކާޓަސް ޖޯންސްއެވެ.

ޖެވަނަ ހާފްގެ ކުރީކޮޅުގައި ލިވަޕޫލުން މެޗުގެ ގޯލް ޖަހާފައި ވަނީ ނީކޯ ވިލިއަމްސްގެ ހުރަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ލިވަޕޫލަށް އަނިޔާގެ އެތައް މައްސަލައެއް ކުރިމަތިވެފައި އޮތްއިރު، ޓީމުގެ ފުރަތަމަ 11 އިން އާންމުކޮށް ފެންނަ ގޯލްކީޕަރު އެލިސަން ބެކާވެސް އަނިޔާގެ ސަބަބުން ފެނިފައެއް ނުވެއެވެ. އޭނާ ނެތްތަން ފޫބެއްދީ ޒުވާން ގޯލްކީޕަރު ކޯއީހިމް ކެލެހާއެވެ.

މެޗުގެ ފަހުވަގުތުގައި ކެލެހާގެ ފަރާތުން ފެނުނު މުހިއްމު ސޭވަކާއެކު އޭނާއަށް ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ތައުރީފު ކޮށްފައިވާއިރު، މެޗު ނިމުމާއެކު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ދުވެފައި ގޮސް ޒުވާން ގޯލްކީޕަރުގެ ގައިގައި ބައްދައިގަނެފައެވެ. ލިވަޕޫލްގެ އަނިޔާތަކާއެކުވެސް އެޓީމުގެ ޓީމު ރޫހު މެޗަށްފަހު ފެނިގެން ގޮސްފައިވެއެވެ.

މެޗުގައި ގޯލް ޖެހި ޖޯންސްގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވާއިރު، ރޭގެ މެޗުގެ މޮޅާއެކު ލިވަޕޫލުން ވަނީ މިދިޔަ ހަފްތާގައި އެޓްލާންޓާއާ ދެކޮޅަށް ވި ބަލީގެ ހަނދާން ނައްތާލައި އެޓީމުގެ ފޯމް ދަމަހައްޓައިއެވެ.

ގްރޫޕް ޑީގައި އެޓަލާންޓާއާއި ޑެންމާކުގެ މިޑްޖިލޭންޑް ކުޅުނު މެޗު އެއްވަރުވުމުން ލިވަޕޫލް ވަނީ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައަށް ފުރުސަތު ބޮޑު ކޮށްފައެވެ. ދެވަނައިގައި އޮތް އެޓަލާންޓާއަށް އަށް ޕޮއިންޓް ލިބިފައިވާއިރު، އަޔެކްސް ތިންވަނައިގައި އޮތީ ހަތް ޕޮއިންޓާއެކުގައެވެ. ލިވަޕޫލާއެކު ގަދަ 16 އަށް ދަތުރު ކުރާ ދެވަނަ ޓީމު އެނގޭނީ ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށް ފަހުއެވެ.