ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި، އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ގަރާރު ބަލައިގަންނަން ބޭނުންވަނީ 31 މެންބަރުންގެ ވޯޓެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓްޗޭންޖު ކޮމިޓީއަށް ފޮނުއްވި ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.

މި ގަރާރުގައި ޝިޔާމު ވިދާޅުވެފައި ވަނީ، ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ 85 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ކުއްލި ގޮތަކަށް އެ ޕްރޮޖެކްޓް ހިންގަން ހަވާލު ކޮށްފައިވާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން އުވާ ލުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެ، މި މަޝްރޫއު ނުނިމި ލަސްވެ ނައިފަރު މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

އެހެންކަމުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލު ކޮށްދީ އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމޭނެގޮތް ހައްދަވައި ދެއްވުމަށް، ސަރުކާރުގެ ކަމާބެހޭ މުއައްސސާތަކަށް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.

މިއަހަރުުގެ ޖެނުއަރީ 23 ގައި ސަރުކާރުން އެ ޕްރޮޖެކްޓް އުވާކުމާ ގުޅިގެން މަޝްރޫއުގެ މަސައްކަތް ހުއްޓި، ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެތައް ދުވަހެއް ދިގުލައިގެން ގޮސް އެކަމުގެ ސަަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެމުންދާތީ ދެފަރާތުގެ ދެމެދުގައި ވާހަކަ ދަައްކައިގެން މިކަން ހައްލު ކުރުމަށް އެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު އެލްސީޓްރިވެނީޖޭވީ ކުރި މަސައްކަތުންވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން "އެ މައްސަލައަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވުމުންވެސް ކުރިއެރުމެއް ނުލިބި، އޭރުގެ ޕްލޭނިން މިނިސްޓަރު އަދި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް ސިޓީއަކުން ދެންނެވުމުންނާއި، އަދި މަޖިލީހުގައި ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވި،" ގަރާރުގައި ވެއެވެ.

ނަމަވެސް އެ މަސައްކަތް ނުފެށި މިހާރު ފަސްމަސްދުވަސްވެގެން ގޮސްފައިވާތީ އާއި ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ހުއްޓިފައި ވުމުގެ ސަބަބުން ނައިފަރުގެ މަގުތައް ހަލާކުވެ، ހިނގާބިނގާވެ އުޅުމަށް ދަތިތައް ކުރިމަތިވެފައިވާއިރު، މަގުތައް ހެދޭނެގޮތްނެތި، ވިއްސާރަވުމުން މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ގެއްލުންތަކާއި، ކުރިމަތިވަމުންދާތީ އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް އެ ގަރާރުގައި ވަނީ ގޮވާލައިފައެވެ.