ރާއްޖެއަށް ގެނައުން މަނާ ސިންގަލްޔޫސްޑް ޕްލާސްޓިކުގެ ފުރަތަމަ ލިސްޓު އަންނަ ޖެނުއަރީ މަހުގެ އެކެއްގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ވާނެކަމަށް ދިވެހި ރާއްްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފިއެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލު ބަލައިގަންނަން ބޭނުން ވަނީ 31 މެންބަރުންނެވެ.
މި ބިލު މަޖިލީހަށް ބަލައި ގަތުމާއެކު، މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ފޮނުއްވެވިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ، ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނު މަކީ، އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގައި، ރައީސުލްޖުމްހޫރއިްޔާ ކަނޑައަޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް 1 ޖެނުއަރީ 2021 އިން ފެށިގެން ރާއްޖެއަށް ގެނައުން މަނާވާނެކަމުގައި ބަޔާންކޮށްފައި ވާއިރު، އެ އިބާރާތް އޮތް ގޮތުން، އެ މާއްދާގެ ދަށުން ކަނޑައަޅަންޖެހޭ ލިސްޓު ކަނޑައެޅުމުގެ ފުރުސަތު ލިބިދެނީ ހަމައެކަނި އެއްފަހަރު ކަމަށްވާތީ، 1 ޖެނުއަރީ 2021 ގައި ގިނަ އަދަދެއްގެ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް، އެއްފަހަރާ ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމުގެ ބަދަކުގައި ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރިތަކަށް ކޮށްފައިވާ އަސަރަށް ރިއާޔަތްކޮށް، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލްޔޫސް ޕްލާސްޓިކު ރާއްޖެއަށް ގެނައުން މަނާ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.
މި ބިލުުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑަ އަޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު، އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު ރައިސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
އެހެން ނަމަވެސް ގާނޫނަށް މި އިސްލާހު ގެނަސް، އަމަލުކުރަން ފެށުމަށްފަހު، އެގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތީގެ ފުރަތަމަ ލިސްޓު އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ކަނޑައަޅައި ދިވެހި ރާއްޖޭގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ ލިސްޓު ގެޒެޓުގައި ޝާއިއު ކުރާއިރު، އެ ލިސްޓުގައި ބަޔާންކުރާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުން މަނާވާނެ ތާރީހެއް ކަނޑައޅާފައި އޮންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް