ގދ. ތިނަދޫ ފަޅުތެރޭ އޮތް ދޯންޏެއްގައި އަލިފާން ރޯވެ، ހިނގި ހާދިސާގައި ފިހުނު އެކަކަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، އުމުރުން 40 އަހަރުގެ އެ މީހާއަކީ އެ ހާދިސާގައި ހަށިގަނޑުގެ 40 ޕަސެންޓް ފިހިގެން، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ މީހެއް ކަމަށެވެ.

އޭނާ މަރުވީ މިއަދު ހެނދުނު 8:35 ހާއިރު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ތިނަދޫ ފަޅުތެރޭގައި އޮތް “ރާސްތާ ނަމަކަށް ކިޔާ މަސްދޯނީގައި ރޯވީ، ދޯނީގައި ހުރި ގޭސްފުޅިއަކުން ގޭސް ލީކު ވެގެންނެވެ.

އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި ކަމަށް ވެސް އެމްއެންޑީއެފުން ކުރިން ބުންޏެވެ.