ޚަބަރު

އިތުރު 37 މީހުން ކޮވިޑުން ރަނގަޅުވެ، ބަލީން ފަސޭހަވީ ޖުމުލަ އަދަދު 11،939 އަށް

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 37 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 37 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 11،939 އަށް އަރާފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 17 މީހެކެވެ. އެއީ މާލެ ސަރަހައްދުން 15 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން މީހަކާއި ރިސޯޓުތަކުން މީހެކެވެ. މިއަދު ޕޮޒިޓިވްވި ދިވެހީންނާއި ބިދޭސީންގެ އަދަދެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 13،011 އަށް އަރައިފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ 1،019 މީހުންގެ ތެރެއިން ހޮސްޕިޓަލުތަކުގައި 95 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 46 މީހަކު ވަނީ މަރުވެފައެވެ. އެއީ 39 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.