ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް މި މަސް ވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާ ހަމައަށް ރާއްޖެއަށް އައީ 382،760 ފަތުރުވެރިންނެވެ. އަދި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 72،623 ފަތުރުވެރިން އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގައެވެ. އެގޮތުން މިމަހުގެ 28ގެ ނިޔަލަށް ރާއްޖެއަށް 32،241 އައިސްފައިވެއެވެ. އެއީ މިދިޔަ މަހު ރާއްޖެ އައި 21،515 ފަތުރުވެރިންނަށް ވުރެ 10،726 ފަތުރުވެރިން އިތުރު އަދަދެކެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް 16،284 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާއިން އައީ 8،690- ފަތުރުވެރިިންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 5،312 ފަތުރުވެރިންނެވެ.
- ރަޝިއާ - 16،285 ފަތުރުވެރިން
- އިންޑިއާ - 8،690 ފަތުރުވެރިން
- އިނގިރޭސިވިލާތް - 5،312 ފަތުރުވެރިން
- އެމެރިކާ - 5،218 ފަތުރުވެރިން
- ޔޫއޭއީ - 4،471 ފަތުރުވެރިން
- ޖަރުމަންވިލާތް - 3،626 ފަތުރުވެރިން
- ޔޫކްރެއިން - 2،661 ފަތުރުވެރިން
- ފްރާންސް - 2،153 ފަތުރުވެރިން
- ސްޕެއިން - 2،087 ފަތުރުވެރިން
- ބްރެޒިލް - 1،987 ފަތުރުވެރިން
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 16 އަށްވުރެ އެއާލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އާއި އިިތިހާދު އެއާވޭސް ފަދަ މަޝްހޫރު އެއާލައިންތައް ހިމެނެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 500،000 ފަތުރުވެރިން ގެނައުމެވެ. ފިނި މޫސުމާ ދިިމާކޮށް، ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއި ރާއްޖޭގެ ގެސްޓްހައުސްތައް ވެސް މިހާރު ހުޅުވާލާފައިވުމުން، މިނިސްޓްރީގެ އަމާޒަށް މިއަހަރުގެ ތެރޭގައި ވާސިލުވެވޭނެ ކަމުގެ އުންމީދު ބޮޑެވެ. އެއީ ކޮންމެ އަހަރެއްގެވެސް މި ދުވަސްކޮޅަކީ ފަތުރުވެރިކަމުގެ އޮކިއުޕެންސީ އެންމެ ރަނގަޅު ދުވަސްވަރަށް ވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު