ދައުލަތުގެ ބަޖެޓު

އަންނަ އަހަރަށް 34.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްދީފި

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 34,787,720,151 (34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް) ބަޖެޓު ދިރާސާ ކުރާ ކޮމިޓީން އިތުރުކޮށް، 34,922،716،599 (34.9 ބިލިޔަން ރުފިޔާގެ) ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްދީފިއެވެ.

ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހު ތަކާއި، ރެކަމެންޑޭޝަންތަކާއެކު މަޖިލީހުން ބަޖެޓް ފާސްކުރީ، ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވިއިރު، ބަޖެޓްގެ ދަރަނި ބޮޑު ވުމާއި ލިބޭނެކަަމަށް ލަފާކޮށްފައި އޮތް އާމްދަނީގެ ކުޑަކަމުން ބަޖެޓް ބަހުސްގެ ފުރަތަމަ މަރުހަލާގައި ގިނަ މެންބަރުންތަކެއް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާކޮށް ގެނައި ބަދަލުތަކާ ގުޅިގެން، އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އިތުރު ވެ، ބަޖެޓުގެ ދަރަނިވެސް ވަނީ ހުށަހެޅި އިރަށްވުރެ ކުޑަވެފައެވެ.

ބަޖެޓް ކޮމިޓީން ގެނައި ބަދަލުތަކުގެ ސަބަބުން، އޯވަރޯލް ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ހިމެނިފައި އޮތް 15.5 ބިލިޔަން ރުފިޔާ ގެ ދަރަނި، 12.3 ބިލިޔަނަށް ވަނީ ދަށްކުރެވިފައެވެ.

ބަޖެޓު ކޮމިޓީގެ މުގައްރިރު އަަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ކޮމިޓީން ބަޖެޓަށް ގެނައި ބަދަލާ ބެހޭގޮތުން ވިދާޅުވީ، ދައުލަތުން މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު، އަންނަ އަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކޮށްފައި އޮތީ، ހަތް ލައްކަ ފަތުރުވެރިން ކަމަށެވެ. ނަމަވެސް ބަޖެޓް ކޮމިޓީން ދިރާސާކޮށް އަންނަ އަހަރު އެއް މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް ލަފާކޮށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

"މިގޮތަށް ބަދަލު ކުރުމާ ގުޅިގެން ރާއްޖޭގެ އާމްދަނީ ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އަދަދު 598.9 މިލިޔަން ރުފިޔާއަށް އިތުރުވެ ގްރީން ޓެކްސް 253.9 މިލިއަނަށް އިތުރުވެ އެއާޕޯޓް ސާވިސް ޓެކްސް 218 މިލިޔަނަށް އިތުރުވާނެ. މީގެ އިތުރުން މި ބަދަލާއެކު އެއާޕޯޓް ޑިވެލޮޕްމަންޓްފީ 219.3 މިލިޔަނަށް އިތުރުވެ، ރާއްޖޭން ބިން ވިއްކައިންގެން ލިބޭ އާމްދަނީއަށް އިތުރު 700 މިލިޔަން، އޭގެ އިތުރުން އެހެނިހެން ކުއްޔާއި ހަރުމުދަލުގެ އާމްދަނީ 1.345 ބިލިޔަން އިތުރު ވާނެ ކަމަށް ލަފާ ކުރެވުނު،" ނާޝިޒު ވިދާޅުވިއެވެ.

ނާޝިޒު ވިދާޅުވީ، މި ބަދަލާ ގުޅިގެން ބަޖެޓަށް ފައިސާ އިތުރުވުމާ ގުޅިގެން ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ވެސް 40 މިލިއަން އިތުރު ވެފައިވާ ކަމަށެވެ. އަދި ޕީއެސްއައިޕީއަށް ގެނެވުނު ބަދަލުތަކާ އެކު 105 މިލިޔަން އެބަޔަށް އިތުރުވެފައިވާ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަޖެޓު ކޮމިޓީން ގެނައި ބަދަލާ ގުޅިގެން މިނިވަން މުއައްސަސާތަަކަށް 52.8 މިލިޔަން ރުފިޔާ އިތުރު ކުރެވިފައިވާ ކަމަށާއި، ބަޖެޓުގެ ޖުމުލަ އާމްދަނީއަށް މި އައި ބަދަލާ ގުޅިގެން ސިޔާސީ ޕާޓީތަކަށް 128000 ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ.

"މި ބަދަލާއެކު އޯވަރޯލް ބަޖެޓް ޑެފިސިޓް މިވަނީ 15.5 ބިލިޔަން ރުފިޔާ 12.3 ބިލިޔަންނަށް ދަށްވެފައި، އަދި ޖުމްލަ ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން 140.8 ޕަސެންޓްގައި އޮތް އޮތުން މިހާރު 137 ޕަސެންޓަށް ތިރިވެފައިވާކަން ފާހަގަކުރަން،" ނާޝިޒު ވިދާޅުވިއެވެ.