މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފިއެވެ.

ޒަކީ އިސްތިއުފާ ދެއްވިކަން އޭނާ ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވީ އިއްޔެއެވެ.

ޒަކީ އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ ދާދި ފަހުން ވަނީ އެމްޕީއެލްގެ މުވައްޒަފުންތަކެއް ހިންގާފައިވާ ކަމަށް ބުނާ، 8 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް ކުންފުންޏާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ކޮވިޑް 19އާ ގުޅިގެން، ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަން ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަން ހިންގާފައިވާކަން ފާހަގަކުރެވިފައިވާތީ އެ މައްސަލަތައް ތަހުގީގު ކުރަން ހުށަހަޅާފައިވާ ކަމަށް އެމްޕީއެލުންވެސް ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން މިހާރު ރިޕޯޓެއް އެކުލަވާލައި އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ފާހަގަކުރެވުމާއެކު، އެ ކަންތައްތައް ބެލުމަށް ތަހުގީގެއް ހިންގަމުން އަންނަ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހިންގަމުން އަންނަ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެކަމުގައި ޝާމިލުވާ ކަމަށް ޝައްކު ކުރެވޭ މުވައްޒަފުން ސަސްޕެންޑުކޮށް، މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށް ބުންޏެވެ.

އެމްޕީއެލުން ބުނީ، އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި އޮޑިޓާ ޖެނެރަލްގެ އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެމްޕީއެލްގެ ޗެއާމަން ކަމަށް، ޒަކީ އައްޔަނުކޮށްފައިވަނީ 17 ފެބްރުއަރީ 2019 ގައެވެ. ޒަކީއަށް އެމްޕީއެލްގެ ޗެއާމަންކަން ދިނީ، އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.