އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލަންޑަން ޑާބީގައި ޗެލްސީއާއި ޓޮޓެންހަމް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެއެވެ.

ޗެލްސީގެ ސްޓެންފޯޑް ބްރިޖުގައި ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން ނިމިފައިވާއިރު، ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ ޓޮޓެންހަމްއެވެ.

ތާވަލުގެ އެއްވަނައަށް ވާދަކުރަމުން އަންނަ ދެޓީމު ކަމަށްވާ ޗެލްސީއާއި ޓޮޓެންހަމްގެ ކުރިމަތިލުމަށް ބޮޑު އިންތިޒާރެއް ކުރެވިފައި އޮތީ ދެޓީމުވެސް ރަނގަޅު ފޯމެއްގައި އޮތުމުންނެވެ. އޭގެ އިތުރުން ޗެލްސީއާއެކު ކުރިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު، ހޯޒޭ މޮރީނިއޯ ޓޮޓެންހަމްގެ ކޯޗަކަށް ހުރުމުގެ އިތުރުން، މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީއާއެކު މުހިއްމު ކާމިޔާބީތަކެއް ހޯދި، ކްލަބުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ޗެލްސީ ކޯޗަކަށް ހުރުމުންވެސް ރޭގެ މެޗު ހާއްސަވިއެވެ.

ރޭގެ މެޗުގައި ޓެކްޓިކަލީ ބަލާ ހިތްވާފަދަ ކުރިމަތިލުންތަކެއް ފެނިފައިވާއިރު، ދެޓީމުންވެސް ކުޅެފައިވަނީ ހަމަލާތައް މަދު ސްޓައިލެއްގައެވެ. ހާއްސަކޮށް ޓޮޓެންހަމް ފަރާތުން ފެނުނީ "ކްލެސިކް މޮރީނިއޯ" ޓެކްޓިކްސްއެވެ. ފަހަތުގައި މަޑުކޮށް، ޗެލްސީގެ އެޓޭކް މާޔޫސް ކޮށްލަން މޮރީނިއޯ ހިފާފައި ހުރިއިރު، ކައުންޓާ އެޓޭކްގައި އެޓޭކްތަކަށް ބާރަށް ކުރިއަށް ޖެހިފައި ވެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީގެ މުހިއްމު ސޭވެއް ފެނިގެން ދިޔައިރު، އެޓީމަށް އެ ހާފްގައި ލިބުނު ދެވަނަ ފުރުސަތު ސްޓީވަން ބާގްވިން ފޮނުވާލީ މާ މަތިންނެވެ. ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ އެރާގައި އެ ކްލަބުން ކުޅުނު 1000 ވަނަ މެޗުގައި މޮޅެއް ހޯދުމަށް މަސައްކަތް ކުރި ޗެލްސީއަށް ވަނީ ފަހި ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފްގައި މޭސަން މައުންޓްގެ ނުރައްކާތެރި ޝޮޓެއް، ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ހުޝިޔާރު ކަމާއެކު ދިފާއުކުރިއިރު، ހަކިމް ޒިޔެޗާއި ޓެމީ އަބްރަހަމްއަށް ލިބުނު ފުރުސަތުތައް ބޭކާރުވެގެން ދިޔައެވެ. ޓީމޯ ވާނާ، ފުރަތަމަ ހާފް ޓޮޓެންހަމްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، އެ ހަމަލާއަށް ކުރިއަށް ޖެހުނުއިރު، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައެވެ.

ސްޕާސް އާއި ދެވަނައިގައި އޮތް ލިވަޕޫލަށްވެސް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ސްޕާސް އެއްވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. މިވަގުތު ޗެލްސީ އޮތީ 10 މެޗުން 19 ޕޮއިންޓާއެކު ތިންވަނައިގައެވެ. ލެސްޓާއިން ނުވަ މެޗުން 18 ޕޮއިންޓް ހޯދާފައި އޮތްއިރު، އެޓީމު އޮތީ ހަތަރުވަނައިގައެވެ.