އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އާއިލާތަކުން ތެދުވެ އެކަން ހުއްޓުވުމަށް އިހުނަށްވުރެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ އާމިނަތު ޝަބީނާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް އަނިޔާކުރުމާ ދެކޮޅު ދުވަހުގައި 16 ދުވަހުގެ މުއްދަތަށް ފެށި "އޮރެންޖު ދަ ވޯލްޑް" ކެމްޕޭންގެ ދަށުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ޝަބީނާ ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، ކޮވިޑްގެ ސަބަބުން ގައުމުތައް ފުރަބަންދުކުރަން ޖެހުމުން އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
"އޭގެ ތެރޭގައި ނަފްސާނީ އަނިޔާތަކާއި ޖިސްމާނީ އަނިޔާތައްވެސް ހިމެނޭ" ޝަބީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަބީނާ ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ.
ޝަބީނާ ވިދާޅުވީ، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އާއިލާތަކުން ކަނބަލުންގެ ހައްގުގައި ތެދުވެ އަތުގުޅާލައިގެން ކަނބަލުންނަށް ލިބޭ އަނިޔާތައް ހުއްޓުވުމަށް އިހުނަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 25 ގައެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "އޮރެންޖް ދަ ވޯލްޑް: ފަންޑް، ރެސްޕޮންޑް، ޕްރިވެންޓް، ކަލެކްޓް" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު