އުމުރުން 24 އަހަރުގެ އައިޝަތު ނަޒްރާ، މަރުވި ހަބަރާއެކު ގިނަ ބަޔަކަށް މިވަނީ ހިތްދަތިކަން ލިބިފަ އެވެ. ނެށުމާއި މިޔުޒިކަށް ލޯބިކުރާ ޒުވާނާ، ނަޒްރާ އަކީ ޓިކްޓޮކްގައި ވެސް މަޝްހޫރު ފަންނާނެކެވެ. ޓިކްޓޮކުން 17،000 އަށް ވުރެ ގިނަ މީހުން އޭނާ ފޮލޯ ކުރެ އެވެ. ނަޒްރާގެ ކުއްލި ވަކިވުމަކީ އާއިލާ އާއި ރަހުމަތްތެރީންގެ އިތުރުން ހުރިހާ ފޭނުންނަށް ވެސް ލިބުނު ހިތްދަތި ކަމެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ އެކްސިޑެންޓް ހިނގީ ޅ. ހިންނަވަރަށް ނިސްބަތްވާ ނަޒްރާ އޭނާގެ ލޯބިވެރިޔާއާއެކު އެ ރޭ 10 ޖަހާކަންހާއިރު ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށެވެ. ފުލުހުން ބުނީ "އެ އެކްސިޑެންޓް ހިނގީ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާއަށް، ބޮޑުތަކުރުފާނު މަގަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ދުވާ ޓްރެކް މައްޗަށް އަރައި އެކްސިޑެންޓް ވެގެން" ކަމަށެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިނީ ލައިސެންސް ނޯންނަ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަޒްރާގެ އާއިލާ އާއި ރައްޓެހިން ބުނާގޮތުން ސައިކަލް ދުއްވަން އިން ފިރިހެން ކުއްޖާއަކީ ނަޒްރާގެ ލޯބިވެރިޔާ އެވެ. އެކްސިޑެންޓްގައި އެ ފިރިހެން މީހާއަށް މާ ސީރިއަސް އަނިޔާތަކެއް ނުވެ އެވެ.

ނަން ހާމަ ނުކުރަން އެދި އާއިލާއިން ވާހަކަ ދެއްކި ނަޒްރާގެ ކޮއްކޮ "ވަން އޮންލައިން" އަށް ބުނިގޮތުގައި ނަޒްރާ މިއަދު ފަތިހުގެ ވަގުތެއްގައި މަރުވީ އެކްސިޑެންޓަށް ފަހު ސިކުނޑިއަށް ލޭ އެޅިގެން އޭޑީކޭގައި ބޮޑު އޮޕަރޭޝަނެއް ވެސް ކުރި ފަހުންނެވެ.

"ޑޮކްޓަރު ބުނީ އެކްސިޑެންޓްވެ ކަންފަތާއި ނޭފަތުން ވެސް ލޭ އައިސްފަ ހުރި ކަމަށް. އެހެންވެ ބޮޑު އޮޕަރޭޝަނެއް ކުރި. އޮޕަރޭޝަނަށް ފަހު އެހެން މީހުންގެ ކަޅި ހަރަކާތް ކުރާ ކަމަށް ޑޮކްޓަރު ބުނީ. އެކަމަކު ދޮންތަ މަރުވީ ކަޅިވެސް ހަރަކާތް ނުކޮށް،" ނަޒްރާއާ ބެހޭ ގޮތުން އޭނާގެ ކޮއްކޮ ބުންޏެވެ.

ނަޒްރާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ނަމަވެސް އެ ރޭ ވަނީ އިތުރު ފަރުވާއަށް އޭޑީކޭއަށް ބަދަލުކޮށްފަ އެވެ. އޭޑީކޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.އާއިލާ އާއި ރައްޓެހިންގެ ފަރާތުން "ވަން" އަށް އެނގުނު ގޮތުގައި ނަޒްރާ އާއި އޭނާގެ ލޯބިވެރިޔާ ތައްޔާރުވަމުން އައީ އަލަތު ކައިވެންޏަށެވެ. ވަރަށް އަވަހަށް ކައިވެނި ކުރުމަށްޓަކައި އެކަމަށް ވާން ޖެހޭ ތައްޔާރީތައް އެ މީހުން އައީ ވަމުންނެވެ.

"ވަކި ޑޭޓެއް ނުނިންމާ. އެކަމަކު ވަރަށް އަވަހަށް މެރީ ކުރާ ވާހަކަ ބުނި،" ކޮއްކޮ ބުންޏެވެ.

ނަޒްރާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ "ޓައިގާ ލިލީސް" ކިޔާ ޑާންސް ގުރޫޕެއްގަ އެވެ. އެ ގުރޫޕުން ވަކިވިތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. ނަޒްރާގެ މަރުވި އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނަޒްރާގެ އާއިއާލާގައި އޭނާއާ އެކު ހަ ކުދިން ތިބެ އެވެ. އެއީ ތިން އަންހެން ކުދިންނާއި ތިން ފިރިހެން ކުދިންނެވެ.

ނަޒްރާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.