އެމެރިކާގެ އޮރެގަން ސްޓޭޓްގެ ބެންޑް ސިޓީގައި ހުންނަ ސިލްވަރ ރެއިލް އެލިމެންޓަރީ ސްކޫލަށް ވަދެ 16 އަހަރުގެ ކުއްޖަކު ދިން ބަޑީގެ ހަމަލާތަކެއްގައި ތިން ކުޑަކުދިންނާއި ޓީޗަރަކު މަރާލައިފިއެވެ.
ބެންޑް ފުލުހުންގެ ޗީފް މައިކް ކްރާންޓްޒް ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 5 އަހަރާއި 8 އަހަރާއި 11 އަހަރުގެ ތިން ކުދީންނާއި އެ ސްކޫލުގެ ޓީޗަރެކެވެ. މީގެ އިތުރުން 7 އަހަރުގެ ކުއްޖަކާއި 54 އަހަރުގެ ޓީޗަރަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ހަމަލާދިން 16 އަހަރުގެ ފިރިހެން ކުއްޖާ ސްކޫލަށް ވަދެފައިވަނީ ތަޅުލާފައި ހުރި ދޮރުތަކަށް ބަޑިޖަހައިގެންނެވެ. ނަމަވެސް، އެ ކުއްޖާ ސްކޫލަށް ވަންތަން ފެނިގެން ފަހަތުން ވަން އާންމު ރައްޔިތަކު ވަނީ ބަޑިޖަހައި ހަމަލާދިން ކުއްޖާ މަރާލާފައި ކަމަށް ފުލުހުންނާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ މެންދުރު 12:59 ހާއިރު ސްކޫލު ބޭރުގައި އޮތް ކާރަކަށް ބަޑިޖެހި ކަމުގެ މައުލޫމާތެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ސްކޫލު ތެރެއިން ގިނަ އަދަދެއްގެ ކޯލުތައް ލިބެން ފެށި ކަމަށާއި، ފުލުހުންނަށް އެތަނަށް ދެވުނުއިރު ހަމަލާދިން ކުއްޖާ އޮތީ މަރުވެފައި ކަމަށް ފުލުހުންގެ ތަރުޖަމާނު ޝީލާ މިލަރ ވިދާޅުވިއެވެ.
އޮރެގަން ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެ ސްކޫލުގައި 459 ކުދިން ކިޔަވަމުން ދިޔައެވެ. ހަމަލާދިން ކުއްޖާއާއި އެ ސްކޫލާ އޮތީ ކޮން ގުޅުމެއް ކަމެއް އަދި ހަމަލާދިން ސަބަބެއް ވެސް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ ތަހުގީގުކުރުމުގައި އެފްބީއައިއިން އަންނަނީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ހަބަރުތައް ބުނެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް