ޚަބަރު

ކަރަންޓީނާ ހިލާފުވި ކުޑަހުވަދޫ ދޯންޏެއްގެ 15 ފަޅުވެރިއަކު ހައްޔަރުކޮށް، 14 ދުވަސް ބަންދަށް

ދ. ކުޑަހުވަދޫ ދޯންޏެއްގެ ފަޅުވެރިންތަކެއް ކަރަންޓީނު ވާން އަންގާފައިވަނިކޮށް، ފުރައިގެން ދިޔަ މައްސަލައެއްގައި އެ ދޯނީގެ 15 ފަޅުވެރިއަކު ހައްޔަރުކޮށް، 14 ދުވަހަށް ބަންދުގައި ބައި ތިއްބަން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ކުޑަހުވަދޫ "ދިރުން 2" ދޯނީގެ ހުރިހާ ފަޅުވެރިން ކަރަންޓީނުވާން އަންގާފައިވަނިކޮށް، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި އެރަށުން ފުރައިގެން ދިޔަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދޯނީގެ 15 ފަޅުވެރިއަކު ރޭ ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 14 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކަރަންޓީނުގެ އުސޫލާ ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވާއިރު، އެ އުސޫލާ ހިލާފު ވެގެން ބައެއް މީހުން މީގެ ކުރިން ހައްޔަރުކޮށްފައިވެ އެވެ.