ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލާ ގުޅިގެން ތ. ތިމަރަފުށިން އިތުުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީގެ ކުރިން ބުނީ، ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި ތުހުމަތުކުރެވޭ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ މާލެއިން މީހަކާއި ތިމަރަފުށިން މީހެއްގެ އިތުރުން ކަނޑުމަތީގައި އޮތް ދޯންޏަކުން ތިން މީހުންނެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ތިމަރަފުށިން މިއަދު ވަނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އެނގިފައިވާ ގޮތުގައި ތިމަރަފުށިން ހައްޔަރުކުރީ އެރަށު ސްކޫލުގައި މަސައްކަތް ކުރާ 34 އަހަރުގެ ފިރިހެނަކާއި އެ ރަށު އެއާޕޯޓުގައި މަސައްކަތް ކުރާ 28 އަހަރުގެ ފިރިހެނެކެވެ.
އެ މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކާއި 34 ދިވެހި ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ޓެރަރިޒަމްގެ އަމަލުތައް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މީގެ ކުރިން ވެސް ސިފައިންނާ ގުޅިގެން ފުލުހުން ވަނީ އޮޕަރޭޝަންތައް ހިންގައިފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ވަނީ އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކޮށްފައެވެ.