ހުތުބާ

ގެވެށި އަނިޔާގެ ސަބަބުން ޅަދަރީންގެ ހައްގުތައް ގެއްލި، އެކުދީންގެ ހަޔާތް ބަރުބާދުވެގެންދޭ: ހުތުބާ

ގެވެށި އަނިޔާ އިތުރުވެ، އޭގެ ދާއިރާ ފުޅާވެގެން ދިއުމުން، ޅަދަރީންގެ ހައްގުތައް ގެއްލި، އެކުދީންގެ ހަލާތް ބަރުބާދުވެގެންދާ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ގެވެށި އަނިޔާގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި، މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.

"އަނިޔާގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި އަރާރުންތައް އުފެދި، އާއިލާތައް ރޫޅިގެންދެއެވެ. ތިމާ ދިރިއުޅޭ ވެށީގައި އަނިޔާ އިތުރުވެ، އޭގެ ދާއިރާ ފުޅާވެގެން ދިއުމުން، ޅަދަރީންގެ ހައްގުތައް ގެއްލި، އެކުދީންގެ ހަޔާތް ބަރުބާދުވެގެންދެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އާއިލީ ގުޅުންތައް ހަރުދަނާކުރެވޭނީ އެބައެއްގެ ތެރޭގައި އޯގާތެރިކަމާއި ކުލުނު އޮވެގެން ކަމަށާއި ރުޅިވެރިކަމާއި އަނިޔާވެރިކަން ނައްތާލެވިގެން ކަމަށެވެ. އަދި މިއަދު އެކަމާ މެދު ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ގަދަ އަޑުން ވާހަކަދެކެވޭ، އަދި އެކަމަކާ މެދު ކަންބޮޑުވެ، އެކަން ހުއްޓުވުމަށްޓަކައި އަޑު އުފުލެމުންދާ އެއް ކަމަކީ ގެވެށި އަނިޔާ ކަމަށް ވެސް ބުނެފައިވެއެވެ.

"އޭގެ ތެރޭގައި ފިރިން އަނބިންނަށް، އަދި އަނބިން ފިރިންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރިން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އާއިލާގެ މެންބަރުން އެކަކު އެނަކަކަށް ކުރާ އަނިޔާތަކާއި، އިންސާފުން ބޭރު ތަފާތުކުރުން ފަދަ އަމަލުތައް ހިމެނެއެވެ. އަންހެނުންނަށާއި، ކުޑަކުދިންނަށް ދެވޭ އަނިޔާއާއި، ކުރެވޭ ޖިންސީ ގޯނާތައް އިތުރުވަމުންދާ މިންވަރާ މެދު އަޅުގަނޑުމެން މުސްލިމުން ކަންބޮޑުވާން ޖެހެއެވެ. މި ކުޑަ މުޖުތަމައުގައި ބައެއް ފަރާތްތަކުން ކުރާ މިފަދަ ކުށްތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް މިއަދު ވަނީ ނަފުސާނީ ބިރުވެރިކަމެއް އިހުސާސްކުރަން ޖެހިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ޝަރުއީ ނައްސުތައް ދަލީލުކުރާ ގޮތުގައި ފިރިހެނަކަށް ވިޔަސް އަދި އަންހެނަކަށް ވިޔަސް، އެއްވެސް ބާވަތެއްގެ ގޯނާއެއް ނުވަތަ އަނިޔާއެއް ކުރުމަކީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ މާހައުލުގައި އެކިއެކި އަނިޔާއަށް ހުށަހެޅޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސްތުވާތަކެތި ހިމެނޭ ކަމަށާއި މަސްތުވާތަކެއްޗަކީ އެތައް ނުބައިކަމެއްގެ އަސްލު ކަމަށް ވެސް ބުނެފައިވެއެވެ.