Close
ޚަބަރު

ހަތަރު މައިންނަށް އަނިޔާކުރި ދެ މީހަކު ހައްޔަރުކޮށްފި

އަލީ އަފާފު ރަމީޒު

އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެއީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެފަދަ މައްސަލަތަކުގައި ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ މައުލޫމާތު ލިބިފައިވާނަމަ ހިއްސާކުރަން ވެސް ފުލުހުން ވަނީ އެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ ރުގްޔާ ކުރުމުގެ ނަމުގައި ފިރިހެނަކު އޭނާގެ އަންހެނުންނާއި ތިން ދަރިން ގޭގައި ރަހީނުކޮށް، ތިން މަސް ދުވަސް ވަންދެން އަނިޔާދިން މައްސަލައެކެވެ. އެގޮތުން އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ޖިންނި އަވަލާފައިވާ ކަމަށްބުނެ، އެކި ފަހަރު މަތިން ވަނީ އަނިޔާދީފައެވެ. އަދި ހަތް އަހަރުގެ ކުއްޖާއަށް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާއިލާއާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.