އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޮވިޑް ވެކްސިން ދިނުމަށް ތައްޔާރުވާން ފަށައިފިއެވެ.
އޭއީއެޗް އިން މިއަދު ބުނީ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ބައެއް ބަލިތައް ހުރި މީހުންގެ މައުލޫމާތު ބޭނުންވާ ކަމަށެވެ. އެގޮތުން ކެންސަރު ބަލި، ހަކުރު ބަލި، ކިޑްނީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް، ހިތުގެ ބަލި ސްޓްރޯކް، ތެލެސީމިއާ އަދި އެހެނިހެން ލޭގެ ބަލިތަކާއި ފުރަމޭގެ ބަލިތައް ހުރި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެ ބަލިތައް ހުރި ފަރާތްތައް އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން އޭއީއެޗްގެ ޕަބްލިކް ހެލްތު ސެކްޝަނުގައި ނުވަތަ ގޫގުލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި ގޫގުލް ފޯމު އެ ހޮސްޕިޓަލުގެ ފޭސްބްކު ޕޭޖާއި ޓުވިޓާގައި ލިންކު ވަނީ ހިމަނައިފައެވެ.
އޭއީއެޗް އިން ކޮވިޑް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނަ އިރު، މާލޭގައި ކޮވިޑް ވެކްސިން ދިނުމަށް އައިޖީއެމްއެޗް އިން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ވެކްސިން ސްޓޯރް ކުރާނެ ތަންތަންވެސް އަންނަނީ ގާއިމުކުރަމުންނެވެ.
އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ބޭނުންވާ ކޮވިޑް ވެކްސިން ހިލޭ ލިބޭނެއެވެ. އެންމެ ފުރަތަމަ ވެކްސިން ދެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު