ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ދިރާސާ ކުރުމަށް ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުންނަށް ފުރުސަތު ދިނުމަށާއި ލިޔެކިއުންްތައް ހޯދުމަށް ފުރުސަތު ދިނުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.
މަނީ ލޯންޑްރިންގެ މައްސަލައެއް ސާބިތުވެގެން މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް ރައީސް ޔާމީން ވަނީ ހާޒިރު ކޮށްފައެވެ.
މިއަދުގެ އަޑުއެހުމުގައި ރައިސް ޔާމީން ވިދާޅުވީ، ޖަލުގައި ވަކީލުންނާ ބައްދަލު ކުރެއްވުނަސް، މައްސަލައާ ގުޅިގެން އެކަށީގެންވާ މަސައްކަތްތައް ކުރައްވަން ވަގުތާއި ވަސީލަތްތައް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އެގޮތުން ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯ ކްލިޕްތައް ޖަލުގައި އަޑު އެހޭނެ އިންތިޒާމު ހަމަޖެހިފައި ނުހުންނަ ކަމަށާއި އޮންލައިންކޮށް އަޑުއެހުން ކުރިއަށް ދާއިރު އެ މަނިކުފާނު ހުންނެވިޔަސް، ވަކީލުން އެހެން މަޖިލީހެއްގައި ތިބެން ޖެހޭތީ، އެމަނިކުފާނަކީ ގާނޫނީ ވަކީލަކަށް ނުވެފައި ދައްކަވާ ވާހަކަފުޅެއް އެމަނިކުފާނާ ދެކޮޅަށް ވެސް ބޭނުންކުރެވިދާނެކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ވަކީލުންނާއެކު ޝަރީއަތުގައި އިންނެވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ރައީސް ޔާމީންގެ ވަކީލުން ކަމުގައިވާ، އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދާއި، ވަކީލް އަބްދުﷲ ޝިޔާޒް ވެސް މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކެވިއެވެ. އެ ބޭފުޅުން ވާހަކަ ދެއްކެވީ، އޯޑިއޯތައް ޖަލުގައި ރައީސް ޔާމީން އަޑު އެއްސެވުމަށް ކަރެކްޝަންސް އިން ފޯރުކޮށް ދިން ލެޕްޓޮޕުން އިތުރު ފައިލްތަކެއް ކްރިއޭޓްވެ، އޯޑިއޯތައް އަޑުއެހޭގޮތް ނުވި މައްސަލައިގައެވެ.
ޑރ. ޖަމީލް އަހުމަދު ވިދާޅުވީ އެ ލެޕްޓޮޕް ބަގް ކޮށްފައިވާ ކަމަށް ޝައްކު ކުރެއްވޭ ކަމަށެވެ. އެގެންކަމުން ބަގު ކޮށްގެން އެބޭފުޅުން ރައީސް ޔާމީނާ ބައްދަލު ކުރައްވައި ކުރައްވާ މަޝްވަރާތައް އަޑުއެހުމުގެ ކަންބޮޑުވުންވެސް ޖަމީލު ފާޅު ކުރެއްވިއެވެ.
އެހެންކަމުން އެ ބޭފުޅުން އެދިވަޑައިގެންނެވީ، އެ ބޭފުޅުންގެ އަމިއްލަ ލެޕްޓޮޕް ޖަލަށް ވައްދައިގެން ރައީސް ޔާމީނާއެކު މައްސަލަ ދިރާސާ ކުރުމުގެ ހުއްދަ އަކަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ އޯޑިއޯތައް އަޑުނޭހޭ މައްސަލަ ދައުލަތުގެ ސަމާލު ކަމަށް ކުރިން ގެނެސްފައިނުވާ ކަމަށާއި ކުރިން އެކަން އެންގި ނަމަ، އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ކަމަށެވެ.
ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ ފުރުސަތު ދެއްވުމަށް ފަހު، އަންނަ މަހުގެ ހައެއްގައި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު