ފުލުހުން ދޭ ހުއްދައަކާ ނުލައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅާފައިވާ ގާނޫނު އުވާލުމަށް ހިމަނައި، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ފާސްނުކޮށް، އަލުން ކޮމިޓީއަށް ފޮނުވާލައިފި އެވެ.
މި ބިލަކީ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، އެ ބިލް ފާސްކުރަން މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ޖަލްސާގައި ތިއްބެވި، 60 މެންބަރުންގެ ތެރެއިން ބިލު ފާސްކުރަން ވޯޓު ދެއްވީ އެންމެ 13 މެންބަރުންނެވެ. އެބިލު ފާސްކުރަން ނުފެންނަ ކަމަށް 25 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ފާސްކުރަން 20 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
ބިލު ފާސް ނުވުމުން، ރިޔާސަތުން ދެން ވޯޓަށް އެއްސެވީ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވަން ފެނޭތޯއެވެ. އެ ވޯޓުގައި ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެން ބިލު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިލިއެވެ.
ހޯމް މިނިސްޓްރީން ކަނޑަަޅާ ތަނެއްގައި ނޫން އެހެން ތަނެއްގައި މުޒާހަރާތައް ބޭއްވޭނީ ފުލުހުން ލިޔުމުން ހުއްދަ ދީގެން ކަމަށް ބުނެފައިވަނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގަ އެވެ.
އެ ގާނޫނުގައި ބުނެފައިވަނީ، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީން ކަނޑައަޅާ ތަންތަނުގެ ލިސްޓު ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށް ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށް ބުުނެފައިވެ އެވެ. އެ ލިސްޓަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ އެ އުނިއިތުރަކަށް އަމަލުކުރަން ފެށުމުގެ 30 ދުވަހުގެ ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާންކޮށް ގެޒެޓުގައި ޝާއިއުކުރުމަށްފަހުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
އެ ގާނޫނު އުވާލުމުމުގެ އިތުރުން، އެއްވެ އުޅުމުގެ ގާނޫނަށް ކޮމިޓީން އެހެން ބައެއް އިސްލާހުތައް ވެސް ގެނެސްފައިވެ އެވެ.
އެގޮތުން ކުއްލި އެއްވުން ގާނޫނުގައި ކަނޑައަޅާފައިވާއިރު، އެ އެއްވުމަށް އެ ބިލުގައި ވަނީ ވަގުތެއް ކަނޑައަޅައިފަ އެވެ. އެއްވެ އުޅުމުގެ ގާނޫނުގައި ކުއްލި އެއްވުންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 14 ވަނަ މާއްދާގައި މިހާރު އޮންނަނީ، އެ އެއްވުން ބާއްވާނެކަން ދުރާލައި އިއުލާން ކުރުމަކާ ނުލައި އަދި އެ އެއްވުން ބޭއްވުމުގެ އިންތިޒާމުތައް ދުރާލައި ހަމަޖެއްސުމަކާނުލައި އެ އެއްވުމުގެ ނޯޓިސް ފުލުހުންގެ އިދާރާއަށް ދިނުމެއް ނެތި ދިމާވާ ކުއްލި ކަމަކާ ގުޅޭގޮތުން ކުއްލިއަކަށް ބާއްވާ އެއްވުން ކަމަށެވެ.
ބިލުން އެ މާއްދާ އިސްލާހު ކޮށްފައިވަނީ، އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، (ށ) ގެ ގޮތުގައި އެ މާއްދާއަށް އަކުރެއް އިތުރުކޮށް (ހ) ގެ ބޭނުމަށްޓަކައި ކުއްލި އެއްވުމެއްކަމުގައި ބެލެވޭނީ، ދިމާވާ ކުއްލި ކަމަކާ ގުޅިގެން އެކަމެއް ހިނގި ވަގުތުން ފެށިގެން 48 ގަޑިއިރު ފާއިތު ނުވަނީސް ބާއްވާ އެއްވުމަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އޭގެ އިތުރުން، ލިޔުމުން ފުލުހުން ދޭ ހުއްދައަކާނުލައި، ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒުގެ އުތުރު ފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 300 ފޫޓު ހިމެނޭ ސަރަހައްދާއި ހުޅަނގު ފަރާތު އިންފާރުން ފެށިގެން 200 ފޫޓު ހިމެނޭ ސަރަހައްދާއި އަދި ދެކުނު ފަރާތު އިންފާރުން ފެށިގެން 150 ފޫޓު ހިމެނޭ ބިމުގެ ސަރަަހައްދަށް އެއް ނުވެވޭނެ ކަމަށް މިހާރު ގާނޫނުގައި ބުނެފައިވާ މާއްދާ އިސްލާހުކޮށް، ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 300 ފޫޓު ހިމެނޭ ސަރަހައްދަށް އެއް ނުވެވޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ދިވެހި ފުލުންގެ ހިދުމަތުގެ މައި މަރުކަޒުގެ އުތުރު ފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 50 ފޫޓު ހިމެނޭ ސަރަހައްދާއި ހުޅަނގު ފަރާތުން އިންފާރުން ފެށިގެން 500 ފޫޓު ހިމެނޭ ސަރަހައްދާއި އިރުމަތީ ފަރާތު އިންފާރުން ފެށިގެން 100 ފޫޓު ހިމެނޭ ސަރަހައްދާއި ދެކުނު ފަރާތު އިންފާރުން ފެށިގެން 50 ފޫޓު ހިމެނޭ ސަރަހައްދަށް އެއް ނުވެވޭނެ ކަމަށް މިހާރު ގާނޫނުގައި އޮތް މާއްދާ އިސްލާހުކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައިމަރުކަޒުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 300 ފޫޓު ހިމެނޭ ސަރަހައްދަށް ވެސް އެއް ނުވެވޭނެ ކަމަށް ބިލަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ހަމަ އެގޮތަށް ލިޔުމުން ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ޓޫރިސްޓް ރިސޯޓްތަކުގެ ތެރެއިން އެ ރިސޯޓެއްގެ ވަޒީފާ އަދާކުރާ މުވައްޒަފުން ތިބުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކާއި ދިވެހިރާއްޖޭގެ ވިޔަފާރި ބަނދުރުތަކާއި ވައިގެ ބަނދަރުތަކުގައި އެއްވުންތައް ނުބޭއްވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މީހުން ބައި ތިއްބާ ކޮންމެ މަރުކަޒެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއް ނުވެވޭނެ ކަމަށް އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު