އިޓަލީގެ ރައްޔިތުންނަށް ޖެނުއަރީ ފަހުކޮޅު ވެކްސިން ދޭން ފަށާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

އިޓަލީގެ ބޮޑުވަޒީރު ގުއިސުއްޕެ ކޮންޓޭ ޓީވީ މެދުވެރިކުރައްވައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެކްސިން ދިނުމުގައި ވަކި ބަޔަކު އިސްކުރަން ބޭނުންފުޅު ނުވާކަމަށާއި އެހެން ނަމަވެސް ނުރައްކަލަށް ހުޅަހެޅިފައިވާ ފަރާތްތަކަށް ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބޮޑުވަޒީރު ވަނީ އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މީހުންގެ ތެރޭގައި ޚުދު އެމަނިކުފާނުވެސް ހިމެނިވަޑައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.

ޔޫރަޕިއަން ޔޫނިއަން އިން އަންނަނީ ގައުމުތަކަށް ބޭނުންވާ ވެކްސިން ސަޕްލައި ކުރުމަށްޓަކައި، ވެކްސިން އުފައްދަމުން އަންނަ ކުންފުނިތަކާ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އީޔޫ އިން އަންނަނީ އެސްޓްރާޒެނެކާ އާއި މޮޑާނާގެ އިތުރުން ފައިޒާ އިން އުފައްދާ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ފިނި މޫސުމާ ކުރިމަތިލާވާއިރު ބައެއް ގައުމުތަކަށް މިހާރުވެސް ވަނީ ކޮވިޑްގެ އިތުރު ރާޅެއް އަރައިފަ އެވެ. ހުރިހާ ގައުމުތަކުގައިވެސް ވަނީ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ.

އިޓަލީންވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު އެގައުމުން މިހާ ތަނަށް ކޮވިޑުގެ 1.46 މިލިއަން ކޭސް ފެނިފައި ވެއެވެ. އަދި 51،306 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.