ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 45 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 45 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 11،660 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 52 މީހެކެވެ. އެއީ މާލެ ސަރަހައްދުން 45 މީހަކާއި ރިސޯޓުތަކުން ހަތް މީހެކެވެ. ނަމަވެސް މިއަދު ޕޮޒިޓިވްވި ދިވެހީންނާއި ބިދޭސީންގެ އަދަދެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 12،810 އަށް އަރައިފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ 1،097 މީހުންގެ ތެރެއިން ހޮސްޕިޓަލުތަކުގައި 92 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 46 މީހަކު ވަނީ މަރުވެފައެވެ. އެއީ 39 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.