ރިޕޯޓް

ގައުމީ ޝިޕިންލައިން: މެރިޓައިމް ދާއިރާގައި ސަރަހައްދީ އެންމެ ވަރުގަދަ ބާރަށް ވުމަށް ރާއްޖެ ކުރާ ދަތުރު

އަލީ ޔާމިން

ދިވެހިރާއްޖެއަކީ މީސްކޮޅު މަދު ނަމަވެސް ހުނަރުވެރި އަދި ގާބިލު ބަޔަކު ތިބި ގައުމެއްކަން ތާރީހު ހެކިދެއެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އެއް ޝިޕިން ލައިން މީގެ ކުރިން އޮޕަރޭޓްކުރި ގައުމަކީ ރާއްޖެއެވެ. ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮވެގެން 99 އަށް ވުރެ ގިނަ ކާގޯ ބޯޓާއެކު މޯލްޑިވްސް ނޭޝަަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ކުރީގެ ރައީސް ނާސިރުގެ ވެރިކަމުން ފެށިގެން އޮޕަރޭޓްކުރަމުން އައިއިރު، ދިމާވި މާލީ ދަތިތަކާއެކު އެކުންފުނީގެ އޮޕަރޭޝަން އެއްކޮށް ހުއްޓާލީ 2010 ވަނަ އަހަރުއެވެ. އޮޕަރޭޝަންތައް ހުއްޓާލިއިރު، އެކުންފުނީގެ ދަރަނި 16.46 މިލިއަން ޑޮލަރަށް އަރައެވެ. ކުންފުނީގެ އެސެޓްގެ އަގަކީ 2.54 މިލިއަން ޑޮލަރެވެ.

އެމްއެންއެސްއެލް ހުއްޓާލުމަށް ފަހު، ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއެކު އާ ޝިޕިން ލައިނެއް ވުޖޫދަށް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނިންމެވިއެވެ. އަދި އެކަމުގެ މަޝްވަރާތައްވެސް ކުރެވުނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ނިމުނުއިރު، އެ މަސައްކަތް އޮތީ ނުފެށިއެވެ. ދެން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިވެސް އަދި އޭގެ ފަހުން 2013 ވަނަ އަހަރު ރައީސް ކަމަށް އިންތިހާބުކުރި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ޝިޕިން ލައިނެއް އުފެއްދުމުގެ އަަމަލީ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ޝިޕިން ލައިނެއް އަލުން އުފައްދަން ނިންމެވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރުވެފައިވާއިރު، ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް)ނަމުގައި ކުންފުންޏެއް އުފައްދައި އެކުންފުނީގެ އޮޕަރޭޝަންތައް މިވަނީ ފަށައިފައެވެ. އެމްއެސްއެސްގެ ފުރަތަމަ ބޯޓް "އެމްވީ އައިބީރިއަން އެކްސްޕްރެސް" މުދަލާ އެކު ރާއްޖެއަށް ބަނދަރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. އެ ބޯޓުގައި އެއްފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލެ އެވެ.

އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެެމް) ގެ އެއް ޕަސެންޓް ހިއްސާ އޮންނަ އެމްއެސްއެސް އިފުތިތާހުކޮށް ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އަދި އެމްޑީ ޝާހިދު އަލީގެ އިތުރުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކެޕްޓަން އަބްދުﷲ) އެވެ. އެމްއެސްއެސްއާ މެދު ސަރުކާރުގެ އުންމީދު ބޮޑެވެ.

އެމްއެސްއެސް އިން ފުރަތަމަ ރާއްޖެއަށް ފަށާފައި ވަނީ "ޗާޓަރު ލައިން" ގެ ހިދުމަތެވެ. މި ހިދުމަތަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ ކޮންޓެރިނާއެއް ވެސް ވިޔަފާރިވެރިޔާ އޯޑަރު ދިނުމުން ދުނިޔޭގެ ބޮޑެތި ލައިނާތައް މެދުވެރިކޮށް ރާއްޖެ ގެނެސްދިނުމުގެ ހިދުމަތެވެ. ފުރަތަމަ ބޯޓުން ރާއްޖެ ގެނެސްފައި ވަނީ ފިޔާ، އަލުވި އަދި ބިހާއި ބޭހުގެ ސާމާނެވެ.

ގައުމީ ޝިޕިން ލައިނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ ސީއީއޯ ހުސައިން އަމްރު ވިދާޅުވީ، ގައުމީ ޝިޕިން ކުންފުނީގެ ސަބަބުން މުދަލުގެ އަގު ހެޔޮވެ، ވަޒީފާގެ ފުރުސަތައް ތަނަވަސް ވެގެންދާނެ ކަމަށެވެ. މިހާރު އެމްއެސްއެސް އިން ދަތުރުތައް ފެށީ ކޮލަމްބޯ އާއި މާލެ އާއި ދެމެދު ކަމަށްވި ނަމަވެސް އުންމީދަކީ ދުނިޔޭގެ އެކި ގައުމުތަކަށް ހިދުމަތް ފުޅާކުރުން ކަމުގައި އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޝިޕިންގް ކުންފުންޏެއްގެ މަސައްކަތް ފެށުމާއެކު މުދާ އެތެރެ ކުރުމަށް ބޭރުގެ ބަޔަކަށް ބަރޯސާ ވެފައި އޮންނަން ނުޖެހޭނެ ކަމަށާއި މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ އިތުރުން ސަރުކާރާއި ވިޔަފާރަވެރިންނަށް ފައިދާ ކުރާނެ ކަމަށެވެ. އަދި ދިވެހި ފަޅުވެރިންނާއި ދިވެހި އޮފިސަރުންނަށް ވަޒީފާގެ ފުރުސަތު ލިބި ޒުވާނުންނަށް އާ ސިނާއަތެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝިޕިންލައިންގެ ހިދުމަތް އަލުން ފެށިއިރު، ގައުމީ ޝިޕިންލައިނަކީ، ދިވެހި ޒުވާނުން މެރިޓައިމްގެ ދާއިރާއަށް ނިކުތުމަށް ހުޅުވާލެވޭ އާ ދޮރެކެވެ. އެމްއެސްއެސްއާއެކު ސަރުކާރުން ރާއްޖޭގެ އިގްތިސޯދާ މެދު ކުރާ އުންމީދު ބޮޑެވެ. ރާއްޖެއަކީ ދުނިޔޭގެ ޝިޕިން އިންޑަސްޓްރީގައިވެސް ފައިތިލަ ސާބިތުކުރެވޭނެ ފަދަ ގައުމެއްކަން ތާރީހު ހެކިދެއެވެ. އެހެންކަމުން ގައުމީ ޝިޕިން ލައިނާއެކު ހީނަރުވެފައިވާ މެރިޓައިމްގެ ދާއިރާ އަލުން ކޮޅަށް ޖަހައި ރާއްޖޭގެ އިގްތިސޯދު މުޅި ދުނިޔެއަށް ހުޅުވާލުމަކީ އެމްއެސްއެސްގެ އެންމެ ބޮޑު އެއް އަމާޒެވެ. މި އަމާޒަށް ވާސިލްވުމަކީ ރައްޔިތުންގެ ވެސް އުއްމީދެވެ. ސަރަހައްދީ އެންމެ ވަރުގަދަ ޝިޕިންލައިން ރާއްޖޭގައި އޮތުމަކީ ކޮންމެ ދިވެއްސަކުވެސް ބޭނުންވާނެ ކަމެކެވެ. ދިވެހީންނަކީ ކަނޑުމަތީގެ ހުނަރުވެރީން ކަމަށް ވާއިރު، މި ދާއިރާގައި އެ ފަދަ އުސްމިނަކަށް ދެވިއްޖެ ނަމަ އެއީ ގައުމީ ނިސްބަތުގައި ރާއްޖެއަށާއި ދިވެހީންނަށް ހުރިހާ ގޮތަކުންވެސް ލިބޭނޭ ބޮޑު ފަޚުރަކާއި ކާމިޔާބީއެކެވެ.