ޚަބަރު

މިސްކިތްތަކުގައި ނިދައި، ކައިބޮއެ ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ފަށައިފި

އަލީ ޔާމިން

މިސްކިތްތަކުގައި ނިދައި، ކައިބޮއެ ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހޯމް މިނިސްޓްރީން އިސްނަގައިގެން ހާއްސަ މަސައްކަތްތަކެއް ފަަށައިފިއެވެ.

މި މަސައްކަތް ހޯމް މިނިސްޓްރީން ކުރަނީ ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެންނެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން ޖެންޑާ މިނިސްޓްރީއާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން މާލޭ ސިޓީ ކައުންސިލެވެ.

މިއަދު މިނިސްޓަރު އިމްރާން ވަނީ ގުޅުންހުރި އިދާރާތަކާ ބައްދަލުކުރައްވައި އެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ހޯމް މިނިސްޓްރީން ބުނީ، މި މަސައްކަތަކީ މާލޭ ސިޓީގައި ބޯހިޔާވަހިކަމެއް، އަޅައިލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދައި، ކައިބޮއެ ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރުމަށް ފެށި މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އެ މައްސަލައަށް ހައްލެއް ހޯދުމަށް އިސްނެގީ އެފަދަ ގިނަ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަމުގައި ފާހަގަކުރެވޭތީ ކަމަށެވެ.