ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކުރަމާއި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް އަދި ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފުގެ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ފުވައްމުލަކު މެޖިސްޓްރޭޓް އަހުމަދު އަކުރަމާ ގުޅޭގޮތުން ބަލަނީ އޭނާ ބެއްލެވި މައްސަލައެއް، ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް އަލީ އާދަމާ ގުޅޭގޮތުން ބަލަނީ އޭނާ ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނާ މައްސަލައަކާއި ތަފްރީގު ކޮށްފައިވާ ކައިންޏެއް ރުޖޫއަ ކޮށްދިންކަމަށް ބުނާ މައްސަލައަކާއި މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ފަދަ ހިޔާލުތައް ފާޅުކުރާ ކަމަށް ބުނާ މައްސަލައެކެވެ.
ކަނޑޫދޫ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާ ކަމަށް ބުނާ މައްސަލަ އެކެވެ.