ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 16 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 16 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 11،615 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 150 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެއްސަކާއި 92 ބިދޭސީންނެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 150 އަށް އަރާފައިވަނީ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާއިން ޕޮޒިޓިވްވީ 79 މީހުންނާއެކުއެވެ. އެއާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 186 އަށް އަރައިފައެވެ. މާލެ ސަރަހަދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 62 މީހެކެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 12،758 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 342 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 92 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 46 މީހަކު ވަނީ މަރުވެފައެވެ. އެއީ 39 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.