މ. ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 54 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކުރީޓް މަސައްކަތްތައް ކަމަށެވެ. އެ މަސައްކަތުގެ ވެސް 75 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވޭވަށު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް އަދި 1880 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 48.8 މިލިއަން ރުފިޔާ އަށެވެ.