ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 46 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު 2:09 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 46 ވަނަ މީހާއެވެ. އޭނާއަކީ މިމަހުގެ ތެރޭގައި ކޮވިޑް ބަލީގައި މަރުވި އަށް ވަނަ މީހާއެވެ.

މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 39 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަދަދު ވަނީ 12،578 އަށް އަރައިފަ އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 341 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 82 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،559 މީހެކެވެ.