ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ބާރީ މަގާމުން ވަކި ކުރުމަށް ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބެލުމަށްފަހު، ކޮމިޓީގެ ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.

ޖޭއެސްސީން ބުނީ ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާ އިން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ މާލީ ގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި ކަމާއި އެ މުއްދަތުގައި އެ ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާ ކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލަ ކަމަށެވެ.

"މި މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރާއި ގާޒީ ބާރީއާ ގާތް ގުޅުމެއް އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ހިންގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކުކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކެއް އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބައިވެރިވިކަން ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ގާޒީ ބާރީ އެ ހުކުމް ދިންކަން ވެސް ވަނީ ފާހަގަކުރެވިފަ،" ޖޭއެސްސީން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އިރު، ޝަރީއަތްތައް ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިން އިރު، ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައި ދިނުމަށް ނިންމިކަން އެނގެން އޮތް ކަމާއި ހަމަ އެދުވަސްވަރު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ބާރީއަށް ދީފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އޭގެ އިތުރުން ގާޒީ ބާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ގާޒީ ބާރީ ދައްކާފައިވާ އިރު، އެ ފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބާރީ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީގެ ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ކުރަމުންނެވެ.