ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގައި ކުޅުނު 800 ވަނަ މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެއްޖެއެވެ.

ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުން ބާސާ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ އެތުލެޓިކޯ އިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެދާދާއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފައެވެ. ގޯލުގެ ތަފާތުން އެތުލެޓިކޯ ދެވަނައިގައި އޮތް އިރު، އެޓީމަށް އަށް މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.

އެއްވަނައިގައި އޮތް ސޮސިއެދާދަށް 20 ޕޮއިންޓް ލިބިފައިވަނީ އެތުލެޓިކޯއަށް ވުރެ މެޗެއް އިތުރަށް ކުޅެގެންނެވެ. ބާސާއަށް އަށް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު ހާފު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް އެތުލެޓިކޯއަށް ކާމިޔާބު ކޮށްދިނީ ޔަނިކް ކަރަސްކޯއެވެ. ދުރުން މަތިން ވައްޓާލި ބޯޅައަކަށް ކަރަސްކޯ ހުސްކޮށް ކަހަލަ ގޮަތަކަށް މަސައްކަތް ކުރި އިރު، އެ ބޯޅައަށް ބާސާ ގޯލްކީޕަރު ޓާ ސްޓެގެން ނުކުތް ނަމަވެސް ބޯޅަ ދިޔައީ އޭނާގެ ފައިގައި ލައްވާ ނުލައެވެ. އޭގެ ފައިދާ ނަގައި، ހާފުގެ މެދުން ކަހަލަ ގޮތަކަށް ކަރެސްކޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުސް ގޯލަކަށެވެ.

ރޭގެ މެޗުގައި ބާސާގެ ފަރާތުން އެވަރެޖް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ކްލެމެޓް ލިންގްލެޓުގެ ނުރައްކާތެރި ހަމަލާއެއް އެތުލެޓިކޯ ގޯލްކީޕަރު ޖާން އޮބްލެކް ވަނީ ދިފާއުކޮށް ބޭރުކޮށްލައިފަ އެވެ. މެސީގެ ފަރާތުން ވެސް ރޭގެ މެޗުގައި ދަށް ކުޅުމެއް ފެނިގެން ދިޔައިރު، އޭނާ ފެނުނީ ވަރަށް ބޮޑަށް ވަރުބަލި ކޮށެވެ. އިންޓަނޭޝަނަލް ބްރޭކުގައި އާޖެންޓީނާގެ މެޗުތަކަށް ދެކުނު އެމެރިކާއަށް ގޮސްފައި މެސީ އަނބުރާ ސްޕެއިންއަށް ގޮސްފައި ވަނީ ދިގުދަތުރަކަށް ފަހު އެވެ.