ވާދަވެރިކަން ބޮޑު ދެ ކޯޗުން ކަމަށްވާ ހޯޒޭ މޮރީނިއޯ އާއި ޕެޕް ގާޑިއޯލާގެ ކުރިމަތިލުން މޮރީނިއޯ ކާމިޔާބު ކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އިން ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިިކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗަށް ގިނަ ބައެއްގެ ލޯތައް އަމާޒުވީ މޮރީނިއޯ އާއި ގާޑިއޯލާގެ ކުރިމަތިލުމަކަށް ވީތީއެވެ. ކުރިން ބާސެލޯނާއަށް އަށް އަހަރު ކޯޗުކޮށްދިން ގާޑިއޯލާ އާއި މޮރީނިއޯގެ ވާދަވެރިކަން އުފެދުނީ ސްޕެނިޝް ލީގުންނެވެ. އޭރު މޮރީނިއޯ ރެއާލަށް ކޯޗުކަން ކޮށްދިންއިރު، އެލް ކްލެސިކޯތަކުގައި ގާޑިއޯލާ އާއި މޮރީނިއޯގެ ބަހުގެ ހަނގުރާމަ ބޮޑެވެ. އަދި ފަހުން ޕްރިމިއާ ލީގުގައި ވެސް އެކަން ވަނީ ފާހަގަވެގެން ގޮސްފަ އެވެ.

މިދިޔަ ފަސް ވަރަކަށް ސީޒަންގައި ސިޓީން ލީގުގެ ގަދަ ބާރެއްގެ ގޮތުގައި ކުޅެފައިވާއިރު، މި ސީޒަންގެ ފެށުން އެޓީމަށް އެންމެ ރަނގަޅަކަށް ނުދިޔަ އެވެ. މިހާތަނަށް ކުޅުނު އަށް މެޗުން ސިޓީއަށް މޮޅުވީ އެންމެ ތިން މެޗުންނެވެ. ދެ މެޗުން ބަލިވެ، ތިން މެޗުން ސިޓީ އެއްވަރުވެފައިވާއިރު، އެއީ ކޯޗު ގާޑިއޯލާގެ ކެރިއަރުގައި ސީޒަނެއްގެ އެންމެ ދަށް ފެށުމެވެ.

އެއާ ހިލާފަށް މޮރީނިއޯ ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކޮށްފަ އެވެ. މޮރީނިއޯގެ ދެވަނަ ސީޒަންގައި އަބަދުވެސް ތަފާތު ދައްކާނެ ކަމަށް ބުނާ ބުނުމަށް ނަތީޖާތައް ހެކިދެ އެވެ. ނުވަ މެޗުން 20 ޕޮއިންޓް ހޯދާ ޓޮޓެންހަމުން ތާވަލުގެ އެއްވަނައިގައި އޮތްއިރު، އަށް މެޗުން 12 ޕޮއިންޓް ހޯދި ސިޓީ އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.

ރޭގެ މެޗުގައި ޓޮޓެންހަމުން މޮރީނިއޯގެ ކައުންޓާ އެޓޭކިން ފުޓުބޯޅައެއް ކުޅެ، ގޯލަށް އުފެއްދި ދެ ހަމަލާއިން، ދެ ގޯލު ޖެހި އެވެ. ގާޑިއޯލާގެ ސިޓީން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލު ހުޅުވައެއް ނުލެވުނެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި ހިއުން މިއުން ސޮންގެ ގޯލަކާއެކު ޓޮޓެންހަމުން ލީޑު ނަގާފައިވާއިރު، ސިޓީން އެއްވަރު ކުރުމަށް ނުރައްކާތެރި ހަމަލާތަކެއް ވެސް އުފެއްދި އެވެ. ގެބްރިއަލް ޖެސޫސް މެއަށް ބޯޅަ ވައްޓާލުމަށްފަހު ގޯލަށް ފޮނުވާލި ހަމަލާ ގޯލަށް ވަން ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ މެއިން ޖައްސަން އުޅުމުގެ ތެރޭގައި އެ ބޯޅަ ޖެސޫސް އަތުގައި ޖެހުނު ކަމަށެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްގެ ލީޑު ފުޅާކުރީ ހެރީ ކޭންގެ ޕާހަކުން ލޮ ސެލްސޯ އެވެ. ފަހު ވަގުތު ވެސް ސިޓީގެ ހަމަލާތައް ފުލުފުލުގައި ފެނިގެން ގޮސްފައިވާއިރު، ޖެސޫސްގެ ބާރު ހެޑިންއެއް ޓޮޓެންހަމް ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.