ޚަބަރު

އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް ކޮށްފި

އަލީ އަފާފް ރަމީޒު

ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފިއެވެ.

މިިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި ދައުވާކުރުމަށް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ

އަލީ ވަހީދުގެ މި މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަގައިފައެވެ. އޭގެ އިތުރުން އަލީގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

މި މައްސަލައިގައި މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލީ ވަހީދު ވަނީ، ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފިނަމަ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މި މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.