ރިޕޯޓް

ވަޒީފާގެ ބާޒާރުގައި ދިވެހީންގެ ބާރު ގަދަކޮށް ކުދިއަދި މެދުފަންތީގެ ފިޔަފާރިއަށް ފުރުސަތު ފަހިކޮށްދިން ދެއަހަރު

1

ސަރުކާރަށް ދެ އަހަރު ވީއިރު އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ކަންކަމުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެދިން އެހީތައް ހިމެނެ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ލޯނުތައް ދިނުމާއި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މިދިޔަ އަހަރުގެ ކުރީކޮޅު އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިހާތަނަށް ވަނީ ގިނަ ވިޔަފާރިތަކަކަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދީފަ އެވެ.

އެސްޑީއެފްސީ އުފައްދަން މަރުކަޒީ ބެންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސެންސް ދިންތާ އަހަރެއްގެ ތެރޭގައި އެ ކޯޕަރޭޝަންއިން ވަނީ 301 ވިޔަފާރިއަކަށް 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައި ދީފަ އެވެ. އެއީ ފުރަތަމަ އަހަރު އެކަނި ދޫކުރި ލޯނު ތަކެވެ.

މިއަހަރު ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސޯދަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރިއިރު ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި އެވެ. އެކަންކަމުން އެ ވިޔަފާރިތައް އަރައިގަތުމަށް އެހީތެރިވުމަށް ވެސް އެސްޑީއެފްސީ އާއި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވަނީ ގިނަ ލޯންތަކެއް ދީފަ އެވެ.

އެގޮތުން ކޮވިޑް-19ގެ ސަބަބުން އިގުތިސާދީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ދެމުން އަންނަ އިކޮނޮމިކް ރިލީފް ލޯނުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 968.16 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި 544.8 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު (123.36 ރުފިޔާ) ހިމެނެ އެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން އެހާތަނަށް 579 ވިޔަފާރިއަކުން ލޯނަށް އެދިފައިވާއިރު 410 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެހާތަނަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެހާތަނަށް 384 ވިޔަފާރިއަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ.

ގައުމީ ބެންކް، ބީއެމްއެލްއިން ލޯނު ދޫކުރަނީ ރިސޯޓުތަކާއި، އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއް ލިބޭ ވިޔަފާރި ތަކަށެވެ. އެއްވެސް ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓް އިންޓަރެސްޓް ރޭޓާއެކު ދޭ އެ ލޯނުތައް އަނބުރާ ދައްކަން ހަ މަހުގެ ގްރޭސް ޕީރިއަޑެއް ވެސް އެ ބެންކުން ދެ އެވެ. އަދި އެ ލޯނުތައް އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ކޮވިޑް-19އާއެކު ކުރިމަތިވި މާލީ ދަތިތަކަށް އެހީތެރިވުމަށް، އިކޮނޮމިކް ރިލީފްގެ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފްސީއިންނެވެ. މިދިޔަ މަހުގެ ނިޔަލަށް އެ ކޯޕަރޭޝަންއިން 1،815 ވިޔަފާރިއަކަށް 300 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މިހާތަނަށް 3،745 ވިޔަފާރިއަކުން ވަނީ ލޯނަށް އެދިފަ އެވެ. އޭގެ ތެރެއިން 2،033 ވިޔަފާރިއަކަށް ލޯނު ދޭން ވަނީ ނިންމައިފަ އެވެ. އެއީ 353.9 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދެނީ އާމްދަނީ ލިބޭ ވަރު ބަލައި، އޭގެ 20 ޕަސެންޓްގެ ތިން ގުނަ، ކޮންމެ ވިޔަފާރިއަކަށް ވެސް ދޭ ގޮތަށެވެ. އެސްޑީއެފްސީން ލޯނު ދިނުމުގައި ބަލަނީ ތިން މަހުގެ ހަރަދުތައް މެނޭޖް ކުރެވޭނެ ވަރެއް ފޯރުކޮށްދޭށެވެ. މި ހާއްސަ ޕެކޭޖުގެ ދަށުން އެސްއެމްއީތަކަށް 400 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތަކަށް ލޯން ދިނުމަށް ފަހު ހުއްޓާލީއެއް ނޫނެވެ. އާމްދަނީ ދަށްވެ ލޯނު ދެއްކުމަށް ދަތިވި ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ލޯން ދެއްކުން ފަސްކޮށްދިނުމުގެ އިންތިޒާމުވެސް ސަރުކާރުން ހަމަޖައްސައި ދިނެވެ.

ވިޔަފާރިތަކަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމް ކުރުމަށްޓަކައި އެސްއެމްއީ އިނޮވޭޝަން ފަންޑެއް މިހާރު އިފްތިތާހުކޮށްފައިވާ އިރު އެ ފަންޑުގެ ތެރެއިން ރާއްޖޭގެ ޒުވާނުންގެ އީޖާދީ ހިޔާލުތަކަށާއި އެފަދަ ވިޔަފާރިތަކަށް ފައިސާ ފޯރުކޮށްދޭން ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.

މިވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ވެސް ސަރުކާރުން މިވަނީ ނަމޫނާ ދައްކައިފަ އެވެ. ކޮވިޑް-19އާއެކު ދިމާވި މާލީ ދަތިތަކާއެކު ވެސް ވިޔަފާރިތަކަށް ދޫކޮށްލީއެއް ނޫނެވެ. މާލީ އެހީތެރިކަން ދީ ވިޔަފާރިތައް ކޮޅަށް ޖަހަން އެހީވެ ދިނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވާ ގޮތުގައި، ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ސަރުކާރުން ދެވޭން އޮތް އެންމެ މްތީ ދަރަޖަޔަކަށް އެހީތެރިކަން ފޯރުކޮށްދީގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމެވެ. މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި ގައުމުގެ އިގްތިސޯދު ކުރިއަރުވައި ދިރުން ގެނެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި މެކުހަށް ޖަހައި، އެ ގިންތީގައި އުޅޭ ވިޔަފާރިތައް ގިނަކޮށް ޒުވާން ވިޔަފާރިވެރީން އިތުރުކޮށްގެންނެވެ. މި ސިޔާސަތުގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން ވަނީ ދިވެހި ވިިޔަފާރިތަކަށް ހާއްސަ އާ ކަންކަންވެސް ތައާރަފުކޮށްފަ އެވެ. ވަޒީފާގެ ޔަގީންކަން ހޯދައިދިނުމާއި ވަޒިފާ އުފެއްދުމާއި ވަޒީފާެ ބާޒާރު ދިވެހީންނަށް ހާއްސަ ކުރުމަށް ކުރެވޭ ކަންކަން ވެސް ވަނީ ބޮޑުތަނުން އިތުރު ކުރައްވައިފަ އެވެ.

އެހެންކަމުން މިދިޔަ ދެ އަހަރު ދުވަސް ވެފައި މި ވަނީ ދިވެހީންގެ ވަޒީފާގެ ބާޒާރު އަނބުރާ ދިވެހީންގެ އަތްމައްޗަށް ގެނައުމަށް ކުރެވޭ މަސައްކަތްތައް ފުޅާ ކުރުމާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް ފަހި ފުރުސަތުތަކެއް ހޯދައިދިން ދެ އަހަރަށެވެ.